ރިޕޯޓް

ހުޅުމާލޭގައި ވެމްކޯގެ އޮފީހެއް ހުޅުވައިފި


ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެމްކޯއިން ދެމުން އަންނަ ކުނި ނެގުމުގެ ޚިދުމަތް މިހާރަށްވުރެ ފުޅާކުރުމަށްޓަކައި ހުޅުމާލޭގައި ވެމްކޯގެ އޮފީހެއް ހުޅުވައިފިއެވެ. 

ވެމްކޯއިން މަޢުލޫމާތުދޭ ގޮތުގައި މި އޮފީން މާލޭގައި ހުންނަ ވެމްކޯގެ އޮފީހުން ލިބޭ ހުރިހާ ޚިދުމަތެއް ލިބޭނެއެވެ. އެގޮތުން ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީކުުރުމާއި، ބިލަށް ފައިސާ ދެއްކުމާއި، ވެމްކޯގެ ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. 

ހުޅުމާލޭގައި ވެމްކޯއިން ދެމުންއަންނަ ކުނި ނެގުމުގެ ޚިދުމަތުގެ ކަންކަމާ ގުޅޭ މަސައްކަތްތައް ކުރިން ބަލަހައްޓަމުންއައީ، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ސައިޓް އޮފީހަކުންނެވެ. ވެމްކޯއިން މަޢުލޫމާތުދޭ ގޮތުގައި މި މަސައްކަތަކީ ހުޅުމާލޭގެ އިތުރުވަމުން އަންނަ ޢާބާދީއަށް ބަލައި، އާއްމުންނަށް ފަސޭހަ ޚިދުމަތެއް ދިނުމުގެ ގޮތުން ހުޅުވި އޮފީހެއްކަމަށެވެ. ވެމްކޯގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ފާޠިމަތު ޝަމްވީލާ ވިދާޅުވީ ހުޅުމާލޭގައި ކުނި ނެގުމުގެ ޚިދުމަތް ސާދަސަތޭކަ ގޭބީސީއަށް ދެމުން އަންނަ ކަމަށެވެ. އަދި މި ޚިދުމަތް އެންމެ ފުރިހަމައަށް ދެވޭ މިންވަރަށް ވެށިފާރަވެރިން ހުޅުމަލޭގައި މިހާރު ކުނިނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"ސަދަސަތޭކަ ގެއަށް ކުނި ނެގުމުގެ ޚިދުމަތް ދެމުން އަންނައިރު މިއަދުން ފެށިގެން އެ ގޭބިސީ ތަކަށް ބިލަށް ފައިސާދެއްކުމުގެ ޚިދުމަތް ލިބިގެންދާނެ. ނަމަވެސް ހުޅުމާލޭގެ ގެތަަކުން ފާއިތުވި ދުވަސްތަކުގައިވެސް ދިޔައީ ކުނި ނަގަމުން. އޮފީސް އޮޕަރޭޝަންއަށް ބޭނުންވާ ހުރިހާ މުއައްޒަފުން ނަގައި ނިމި، މިހާރު އޮފީސްމިވަނީ ޚިދުމަތް ދިނުމަށް ތައްޔާރުވެފައި." ފާޠިމަތު ޝަމްވީލާ ވިދާޅުވިއެވެ. 

ވެމްކޯގެ ހުޅުމާލޭ ބްރާންްޗް ހުޅުއްވައިދެއްވީ އެންވާރަމެންޓް މިނިސްޓްރގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރެވެ. އާމިރް ވިދާޅުވީ މިއީ ކުރީގެ ސަރުކާރުތަކުން އަޅާނުލާއި ދޫކޮށްލާފައިވާ މުހިންމު މަސައްކަތެއްކަމަށެވެ. ނަމަވެސް މި ސަރުކާރުން ކުނި މެނޭޖުކުރަމުގެ މަސައްކަތް ވަރަށް އިސްކަމެއްދީގެން ޚާއްސަ ޕްލޭނެއްގެ ދަށުން ކުރަމުންދާކަަމަށް އާމިރު ވިދާޅުވިއެވެ. 

"ވެމްކޯއިންދަނީ މަލޭގެ 17،000އަށްވުރެ ގިނަ ގޭބިސީން ކޮންމެ ދުވަހަކު ކުނި ނެގުމުގެ މަސައްކަތްތައް ކުރަމުން. ވެމްކޯއިން މި މަސައްކަތް ކުރަމުންދަނީ ވަރަށް ރައްކާތެރިކަމާއިއެކު، ޚާއްސަ އުސޫލެއްގެމަތިން. މިކަމުގެ ސަބަބުން މަގުތަކަށް ގިނަވެފައި ހުންނަ ކުނިތަކާއި، ބައިސްކަލުގައި ކުނި އުފުއްލުން ހުއްޓި މާލެތެރެވަނީ ވަރަށް ސާފުވެފައި." ޢަލީ އާމިރު ވިދާޅުވިއެވެ. 

ވެމްކޯއިން ހުޅުމާލޭގައި ހުޅުވި އޮފިހަކީ ވެމްކޯއިން ހުޅުވި ފުރަތަމަ ކަސްޓަމަރ ފްރަންޓް އޮފީހެވެ.