ޚަބަރު

އަންނަ އަހަރު ހަތަރު އެއަރޕޯޓެއް ތަރައްޤީކުރަނީ


އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ހަތަރު އެއަރޕޯޓެއް ތަރައްޤީކުރަން ނިންމާ އެ ފައިސާ ބަޖެޓްގައި ހިމަނައިފި.

އަންނަ އަހަރަށް ލަފާ ކުރާކަމަށް ދައުލަތުން ހުށަހެޅި ބަޖެޓްގައި ތަރައްޤީކުރުމަށް ހިމަނާފައިވަނީ  ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ގދ.މާވަރުލު، އަދި ފ.ނިލަންދޫ ގައި އެއަރޕޯޓް  ހެދުމަށް ބިންހިއްކުމާއެކު އެއަރޕޯޓްގެ މަސައްކަތް ކުރުމަށެވެ. މީގެ އިތުރުން ބަޖެޓްގެ ތެރެއިން  ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމާއި ބިން ހިއްކުމާއި މަގު ހެދުމަށްވެސް އިސްކަންދީފައިވެއެވެ. މިގޮތުން ޑިޒައިން ނިންމާފައިވާ ފެނާއި ނަރުދަމާގެ 57 މަޝްރޫޢަކަށް 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓްގެ ތެރެއިން ހޭދަކުރެވޭނެއެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ ބިންހިއްކުމުގެ މަޝްރޫޢުތައް ނިންމައި، ކޮމާޝަލް ބޭނުމަށް 20 ފަޅު ހިއްކުމަށް ބަޖެޓް ކުރެވިފައިވެއެވެ. އަދި 18 ރަށެއްގައި މިހާރު ހިނގަމުންދާ މަގު ހެދުމުގެ މަޝްރޫޢުތައް ނިންމާލުމަށް 209 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ބަނދަރު ހެދުމުގެ 63 މަޝްރޫޢަށް 550 މިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ. ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކުނި ނައްތާލުމުގެ 27 މަޝްރޫޢަކަށް 189 މިލިއަން ރުފިޔާ ބަޖެޓްގެ ތެރެއިން ހަމަޖެހިފައިވެއެވެ. މި ހުރިހާ މަޝްރޫއުތައް ހިމެނޭ ގޮތަށް 2018 ވަނަ އަހަރުގެ ބަޖެޓުގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 7.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. 

ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަމަކީ ސަރުކާރުން ނުހަނު އަހައްމިއްޔަތުކަން ދޭކަމެއްކަން ބަޖެޓްގައި ފާހަގަކޮށް ރައްޔިތުންނަށް ދޭ ކަރަންޓާއި ކާޑުގެ ސަބްސިޑީއާއި އެހެނިހެން އެހީތަކަށް އަންނަ އަހަރު ހެޔޮ ބަދަލެއް ގެނައުމަށް ބަޖެޓުގައި 276 މިލިއަން ރުފިޔާ އިތުރަށް ހިމެނިފައިވެއެވެ.