ޚަބަރު

ބްރިޖްގެ 67 އިންސައްތަ މަސައްކަތް ނިމިއްޖެ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ 67 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ އިން ބުނެފިއެވެ.

ބްރިޖްގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރުމަށް ބްރިޖު އަޅާ ސަރަހައްދަށް ގޮސް އެމަސައްކަތް ބަލާލުމުގެ ފުރުސަތު ނޫސްވެރިންނަށް ދެއެވެ. ބްރިޖްގެ މަސައްކަތް ގޮސްފައިވާ ހިސާބު ދައްކާލުމަށް ނޫސްވެރިން ގެންދިޔަ ނަމަވެސް މޫސުމް ގޯސްވުމުގެ ސަބަބުން ބްރިޖަށް އެރޭ ގޮތެއް ނުވިއެވެ. ނޫސްވެރިންނަށް ދެވުނީ މާލޭ ކޮޅުން ބްރިޖް ފެށޭ ހިސާބަށެވެ. ބްރިޖް އެޅުމުގެ މަސައްކަތް ކުރުމަށް ހަދާފައިވާ ޕްލެޓް ފޯމަށް އަރާލުމުގެ ފުރުސަތު ނުލިބުނު ނަމަވެސް ހުޅުލެ މާލޭ އަސްލު ބްރިޖް ނޫސްވެރިންނަށް ފެނުނެވެ. ސުނާމީ ބިނާ ކުރިން ހުރި ސަރަހައްދުން ބްރިޖްގެ އަޑި ފެނުމުން ހަގީގަތުގައިވެސް  އަސްލު ބްރިޖްގެ ހައިބަތާއި، ބްރިޖްގެ ރީތިކަން ފެނިގެން ދިޔައެވެ. 

ބްރިޖްގެ މަސައްކަތް ގޮސްފައިވާ ހިސާބު ނޫސްވެރިންނާއި ހިއްސާކުރައްވަމުން ޕްރޮޖެކްޓް މެނޭޖަރ ލިން ވިދާޅުވީ، މެއިން ބްރިޖްގެ ޕައިލް ފައުންޑޭޝަންގެ މަސައްކަތާއި، އެޕްރޯޗް ބްރިޖްގެ ފައުންޑޭޝަން މަސައްކަތް އެއްކޮށް ނިމިފައިވާކަމަަށެވެ. މީގެ އިތުރުން އެޕްރޯޗް ބްރިޖްގެ ޕައިލްކެޕް ފައުންޑޭޝަންގެ މަސައްކަތްވެސް ނިމިފައިވާކަމަަށާއި، ކަނޑުއަޑީގައި ކުރިއަށްދިޔަ ކޮންސްޓްރަކްޝަން މަސައްކަތައް ނިމުމުން މިހާރު ކުރިއަށްދާ ސްޕަރ ސްޓްރަކްޗަރގެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. 

ލިން ވިދާޅުވީ ބްރިޖްގެ މަސައްކަތް ނިންމުމަށް ކަނޑައަޅަފައިވާ ޝެޑިއުލްއާއި އެއްގޮތަށް ކޮންޓްރެކްޓްގައިވާ ތާރީޚާށް ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބަތްކަމަށެވެ. އަދި އެއައްވުރެވެސް އަވަހަށް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. 

ބްރިޖްގެ ސްޕަރ ސްޓްރަކްޗަރ ނުވަތަ ޑެކްގެ ބައިތައް އެތުރުމުގެ ކުރިން ބްރިޖްގެ މައި ތަނބުތައް އެއް ތަނބު އަނެއް ތަނބާއި ގުޅާލުމަށްޓަކާ ދަނގަޑާއި ކޮންކްރީޓް ބޭނުންކޮށްގެން ތައްޔާރުކުރާ ސްޓީލް ބޮކްސް ގާޑާ ބީމްތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ބާރުސްޕީޑްގައި ކުރިއަށްދާކަން ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންވަނީ ބުނެފައެވެ. ޗައިނާގައި ތައްޔާރުކުރާ މި ސްޓީލް ބޮކްސް ގާޑާ ބީމްތައް އަންނަ ޖެނުއަރީމަސް ނިމުމުގެ ކުރިން ރާއްޖެ ގެނެއުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ ހުކުރުދުވަހު ވިދާޅުވެފައެވެ.