ޚަބަރު

އަނަސްގެ މަރުގެ މައްސަލައިގައި އިތުރު 2 މީހަކަށް ދައުވާކޮށްފި


މާލޭ ގަރާޖެއްގެ ތެރޭގައި ތޫނުއެއްޗަކުން ޙަމަލާދީ މުޙައްމަދު އަނަސް މަރާލި މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް މާދަމާ ފެށުމަށް ތާވަލްކޮށްފިއެވެ.

މުޙައްމަދު އަނަސް މަރާލި މައްސަލައިގައި ދައުވާކުރި އިތުރު ދެމީހުންނަކީ ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި މ.ލޮނުމިދިލިގޭ އަފްރާޙް ޢަބްދުލްރައްޒާޤާއި، ތ.ކިނބިދޫ، ގުލްފާމްގޭ މުޙައްމަދު ސާޒްއެވެ. މި ދެމީހުންގެ ތެރެއިން އަފްރާޙް ޢަބްދުލްރައްޒާޤްގެ މައްޗަށް އުފުލާފައިވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އަދި މުޙައްމަދު ސާޒްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މިމައްސަލައިގައި އިތުރު 5 މީހަކާއި، 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ދައުލަތުން ކުރިން ވަނީ ދައުވާކޮށްފައެވެ. އަދި މި ދައުވާގެ ޝަރީޢަތްތައް ކުރިން ވަނީ ފަށާފައެވެ.

އަނަސްގެ މަރާލި މައްސަލައިގައި ފުލުހުން ހޯދަމުންދިޔަ އެންމެންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މެރުމުގައި ޢަމަލީގޮތުން ބައިވެރިވި އެންމެން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.