ޚަބަރު

އަންނައަހަރަށް ލަފާކުރަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް!


އަންނަ އަހަރަށް ލަފާކޮށް، 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ ހަތާވީސް ބިލިއަން، ނުވަސަތޭކަ ފަސްދޮޅަސް ހަ މިލިއަން، ތިން ލައްކަ ތިން ހާސް، ނުވަ ސަތޭކަ ފަސްދޮޅަސް އަށްރުފިޔާއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ބަޖެޓެއްކަމަށެވެ. އަދި އެއީ ރައްޔިތުން ބޭނުންވާ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ބާރުއަޅާފައިވާ ބަޖެޓެއްކަމަށެވެ. މީގެއިތުރުން ތަރައްޤީގެ މަޝްރޫއުތަކަށް ދެމުންދާ އަހައްމިއްޔަތު ކުރިއަށް ގެންގޮސް މި މަޝްރޫއުތައް ނިންމައި ނަތީޖާ ހާސިލުކުރުމަށް މަގުފަހިވާނެ ގޮތަށް ކަނޑައަޅާފައިވާ ބަޖެޓެއް ކަމަށްވެސް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވިއެވެ.

އަންނަ އަހަރު ޖުމްލަ ބަޖެޓުގެ ތެރެއިން ޚަރަދުގެ ގޮތުގައި ބެލެވެނީ 24.9 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓްވާނީ 2.5 ބިލިއަން ރުފިޔާކަމަށާއި މީ ޖީޑީޕީގެ ނިސްބަތުން 3.2 އިންސައްތަކަމަށްވެސް  ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުން 16.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ. މީ މުޅި ބަޖެޓްގެ 57 އިންސައްތައެވެ. ރިކަރަންޓް ހަރަދުގެ އެންމެ ބޮޑު ބައެއް ހޭދަވާނީ މުސަރާއި ޕެންޝަނަށެވެ. މީ ރިކަރަންޓް ހަރަދުގެ 56 އިންސައްތައެވެ. ރިކަރަންޓް ހަރަދުގެ 23 އިންސައްތަ އާންމު ޚިދުމަތްތައް ދިނުމަށް ހޭދަކުރާއިރު ލޯނުގެ ޚިދުމަތަށް 9 އިންސައްތަ ހޭދަކުރާނެއެވެ. އަދި ސަރުކާރުން ދޭ އެހީއާއި ސަބްސިޑީޒްއަށް 12 އިންސައްތަ ހޭދަކުރުމަށް ނިންމާފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުން ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 11.9 ބިލިއަން ރުފިޔާއެވެ. މީ ބަޖެޓްގެ 43 އިންސައްތައެވެ. ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަވަނީ ތަރައްޤީގެ މަޝްރޫއުތަކަށެވެ. ކެޕިޓަލް ޚަރަދުގެ ތެރެއިން 59 އިންސައްތަ ޚަރަދުވާނީ ޕީއެސްޕީ ޕްރޮގްރާމްތަކަށެވެ.

އަންނަ އަހަރު ދައުލަތަށް 22.4 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާއިރު މީ މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ އަދަދަށްވުރެ 8 އިންސައްތަ އިތުރު ޢަދެދެކެވެ.

އަންނަ އަހަރުގެ ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ  16.3 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބޭ ފައިސާއެވެ. ޓެކްސް ނޫންގޮތުގައި 5.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު އެހެނިހެން ފަނޑުތަކާއި ހިލޭ އެހީގެ ގޮތުގައި 858 މިލިއަން ރުފިޔާ ލިބޭނެކަމަށް ދައުލަތުން ލަފާކުރެއެވެ.  

ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުން ބޮލަކަށް ޖެހޭ ނިސްބަތް މި 4 އަހަރުގެ ތެރޭގައި ވަރަށް ބޮޑުތަން އިތުރުކުރެވި، 2018 ވަނަ އަހަރު ނިމޭ އިރު 10,300 ޑޮލަރަށް އަރާނެކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ އިޤްތިސާދީ ދުވެލި 6 އިންސައްތައިގައި ހުންނާނެކަމަށް ލަފާކޮށްފައިވާއިރު، މި ވަގުތު ފެންނަން ހުރި އިޤްތިސާދީ މިންގަނޑުތަކުން ރާއްޖޭގެ އިޤްތިސާދީ ދުވެލި ގާތްގަނޑަކަށް މެދު ރާސްތާގައި މި މިންގަނޑުގައި ހަމަޖެހި، ހިފެހެއްޓޭނެކަމަށް ލަފާކުރެވޭކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

2017 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުންނާނެ ކަމަށް ބެލެވެނީ 480 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި  މިއަދަދު އަންނަ  އަހަރު ގާތްގަނޑަކަށް 600 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ދައުލަތުން ލަފާކުރެއެވެ.