ޚަބަރު

އޭ.އެމް.އާރު ކޮންޓްރޯލްކުރުމުގެ ޕްލޭނެއް އިފްތިތާހްކޮށްފި


ކުރިއަށް އޮތް ފަސްއަހަރުދުވަހު، ރާއްޖޭގައި އެންޓި މައިކްރޯބިލް ރެސިސްޓެންސް, (އޭ.އެމް.އާރު) ކޮންޓްރޯލްކުރުމަށް އެކުލާވާލާފައިވާ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފިއެވެ. 

މި ޕްލޭން އިފްތިތާހްކޮށްދެއްވީ މިކަމައްޓަކައި ހޮޓެލް ޖެންގައި ބެއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓްރ  ޢަބްދުﷲ ނާޒިމް އިބްރާހީމާއި ޑަބްލިއު.އެޗް.އޯ އިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ މަންދޫބް ޑރ.އަރުވިންދު މާތުރެވެ. 

އެންޓި މައިކްރޯބިލް ރެސިސްޓެންސް ނުވަތަ ޖަރާސީމް އެންޓިބަޔޯޓިކްްސްއަށް ހޭނި އެޔަށް ނުގުޑާގޮތްވުން އިތުރުވަމުންދާތީ އެކަން ކޮންޓްރޯލްކުރުމަށް 2017 އިން 2022 ގެ ނިޔަލަށް ސިއްޚީ ދާއިރާއާއި އެހެން އިދާރާތައް ގުޅިގެން މަސައްކަތްކުރުމަށް ޤައުމީ ފެންވަރުގައި ތަފާތު ގިނަ މަސައްކަތްތަކެއް ކުރުމަށް މި އެކްޝަން ޕްލޭންގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.  

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އެންޓިބައޮޓިކްސްއަށް ނުގުޑާ ޖަރާސީމް ތައް ގިނަވަމުންދިއުމަކީ މުޅި ދުނިޔެއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށާއި، މިކަމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރެވެމުންދާއިރު، ރާއްޖެއިންވެސް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށެވެ. އެގޮތުން މި އިފްތިތާހްކުރި އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ކަމާގުޅުން ހުރިހާ މުއައްސަސާތަކުން ގުޅިގެން  އޭ.އެމް.އާރުގެ ނުރައްކާތެރިކަމާއި މިކަމަށް ސަމާލުވާންޖެހޭ މިންވަރު އާންމު ފަރާތްތަކަށް ކިޔައިދީ ހޭލުންތެރިކުރުވުން މުހިންމުކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައި. 

" އަޅުގަނދުމެން މިއަދު ޓާގެޓެއް ކަނޑައަޅަން އެބަޖެހޭ މިވެނި މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގެ އާބާދީގެ މިވެނި  ބަޔަކަށް، ނުވަތަ އާންމު ރައްތިތުންގެ ތެރެއިން ނުވަތަ ސްކޫލް ކުރދިންގެ ވަކި ލެވަލްއަކަށް މިމައްސަލަ މައްސަލައެއްގެ ގޮތުގައި ފޯރުކޮށްދޭނެ ގޮތް އެންމެ ފުރަތަމަ އަޅުގަނޑުމެން ހަދަން އެބަޖެހޭ. އެނިޒާމް އަޅުގަނޑުމެން ޤާއިމްކުރަން އެބަޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް އޭ.އެމް.އާރު ކޮމެޓީގެ ޗެއަރމަން ޑރ.ޢަލީ އަބްދުﷲ ލަތީފް ވިދާޅުވީ، އެންޓިބައޮޓިކްސް ތަޢާރަފްވުމަކީ ސިއްޚީދާއިރާއަށް ލިބުނު ބޮޑުކުރިއެރުމެއް ނަމަވެސް އެންޓިބައޮޓިކަށް ނުގުޑަ ވައިރަސްތައް މިހާރު ގިނަވަމުންދާކަމަށާއި މިކަން ރާއްޖެއިންވެސް ފަހަގަވާމިންވަރަށް ކުރިމަތިވެފައިވާކަމަށެވެ. 

"ފާއިތުވި އަހަރުތަކަށް ބަލާއިރު، އަޅުގަނޑުމެން އެޑްމިޓް ކޮށްގެން ފަރުވާދޭ ޕޭޝަންޓުންގެ ތެރޭގައި ފުދޭވަރަކަށް ގިނަ ޕޭޝަންޓުންގެ ގައިގައި މިކަހަލަ ރެސިސްޓެންސް ހުންކަން އަޅުގަނދުެމންނަށް ފަހަގަކުރެވޭ. އަދި ރާއްޖޭގައި އަޅުގަނދުެމްނ ބޭނުްނކުރާ ވަރަށް ގިނަ އެންޓިބައޮޓިކްސް އަށް ރެސިސްޓެންސް ފެނޭ. އަދި ބައެއް ފަަހަރަށް އެއްވެސް އެންޓިބައޮޓިކްސް އަށް ނުގުޑާކަހަލަ އިންފެކްޝަންތައް އަޅުގަނޑުމެންނަށް ފެނޭ" ޑރ.ޢަލީ އަބްދުﷲ ލަތީފް ވިދާޅުވިއެވެ. 

ޑަބްލިއު.އެޗް.އޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތުރު ވިދާޅުވީ، ރާއްޖޭގެ ސިއްޙީދާއިރާގައި ހިމެނޭ އެކއެި އިދާރާތަކުން މައިކްރޯބިލް ރެސިސްޓެންސް ކޮންޓްރޯލްކޮށް އެކަމަށް މީހުން ހޭލުންތެރިކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރާކަން ފާހަގަކުރެވޭކަމަށެވެ. އޭ.އެމްއާރުގެ ވާހަކަ ދައްކާއިރު މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާތަކެއް އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 10 އިން 19 އަށް އެންޓިބައޮޓިކްސް އެވެއަރނަސް ހަފްތާ ފާހަގަކުރަމުންދާއިރު، ބޭނުންކުރާ އެންޓިބައޮޓިކްސް، ޑޯސް ހަމަވަންދެން ބޭނުންކުރުމާއި، އެކަކަށް ދީފަހުންނަ އެންޓިބައޮޓިކްސް އެހެންމީހަކު ބޭނުންކުރަން ނުދިނުމާއި، ޑޮކްޓަރުގެ ލަފައެއްނެތި އެންޓިބައޮޓިކް ބޭނުން ނުކުރުމަށް ސިއްޙީ މާހިރުން ދަނީ އިރުޝާދުދެއްވަމުންނެވެ. މިފަދަ ކަންކަމަކީ އެންޓިބައޮޓިސްއަށް ނުގުޑާ ވައިރަސް ނުވަތަ ޖަރާސީމް އިތުރުވާކަމަކަށް ވުމުން އެކަންހުއްޓުވުމަށް ޚާއްސަ ސަމާލުކަން ދީގެން ކޮންމެ ފަރުދަކުވެސް އެންޓިބައޮޓިކްސް ބޭނުންކުރުމުގެ މުހިންމުކަން ތަޖުރިބާކާރުން ފާހަގަކުރައްވެއެވެ.