ތަޢުލީމު

ޣިޔާސުއްދީން އިންޓަރނޭޝަނަލްގެ ދަރިވަރުންނަށް ޚާއްޞަ ވެބްސައިޓެއް


ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން އެ ސްކޫލުން ވެބްސައިޓްއެއް އިފްތިތާޙް ކޮށްފިއެވެ.

ނާވިއަންސް އަދި ހަންޑްރޭޓް މިންސްގެ ނަމުގައި ތައާރަފްކުރި މި ވެބްސައިޓަކީ ދަރިވަރުންގެ ކެރިއަރ ގައިޑެންސާއި، ޑިޖިޓަލް ޓެކްސްޓް ފޮތްތަކާއި އެހެނިހެން ޚިދުމަތްތައް ފަސޭހައިން ދިނުމަށް ތައްޔާރު ކުރި ވެބްސައިޓެއްކަމަށް ޣިޔާސުއްދީން ސްކޫލުން ބުނެއެވެ. މިއީ ރާއްޖޭގެ ސްކޫލެއްގައި އިފްތިތާހްކުރި މިފަދަ ފުރަތަމަ ވެބްސައިޓްއެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ބުނީ ދަރިވަރުން ކުރިއަށް ދާންބޭނުވާ ދާއިރާ އިޚްތިޔާރުކުރުމަށާއި މަތީ ތަޢުލީމް ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ހޯދުމަށްވެސް މި ވެބްސައިޓް މެދުވެރިކޮށް ފަސޭހަވެގެންދާނެކަމަށެވެ.

ވެބްސައިޓް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ފާތިމަތު އައްޒަ ވިދާޅުވި ކޮންމެ ދަރިވަރަކަށްވެސް އެކުއްޖަކު ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ލިބިގެން ދިއުން މުހިއްމުކަމަށާއި މި ވެބްސައިޓާއެކު ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުންނަށް އެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ޢިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ކެރިއަރ ގައިޑެންސްގެ ކައުންސިލަރ ފާތިމަތު ބައްރަ އިބްރާހީމް ވިދާޅުވީ ޢިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ހުރިހާ ދަރިވަރުންނަށް މި ވެބްސައިޓް ބޭނުން ކުރެވޭނެކަމަށާއި، ސްކޫލް ނިންމުމަށްފަހުވެސް ވެބްސައިޓްގެ ޚިދުމަތް އެކުދިންނަށް ލިބޭނެކަމަށެވެ.

ޢިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ބުނީ މީގެ ކުރިންވެސް އެ ސްކޫލްގެ ޕްރައިމަރީ ދަރިވަރުންނަށް މި ވެބްސައިޓްގެ ޚިދުމަތް ދެމުންގެންދާކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރުން ފެށިގެން ސެކަންޑަރީ ދަރިވަރުންނަށްވެސް ވެބްސައިޓް ޚިދުމަތް ދެމުންގެންދާނެކަމަށެވެ.