ސިއްހަތު

ހުޅުމާލޭ ހޮސްޕިޓަލުން އީ.އެން.ޓީގެ ބަލިތަކަށްފަރުވާ ދޭން ފަށައިފި


ހުޅުމާލޭ ހޮސްޕިޓަލުން ކަރުން މަތީގެ ބަލިތަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަ ކުންފުނިން ބުނީ ހުޅުމާލޭ ހޮސްޕިޓަލުން މިހާރު ކަރާއި ނޭފަތާއި ކަންފަތުގެ ބަލިތަކަށް ފަރުވާދިނުމުގެ އިތުރުން އެެކި ސަރޖަރީތައްވެސް ހެދޭނެކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަ ކުންފުނިން ބުނީ ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިދިޔަ ހަފްތާގައި އެ ހޮސްޕިޓަލްގައި ވަނީ  ޓްރައާޖްގެ ޚިދުމަތްވެސް ތަޢާރަފްކޮށްފައެވެ. މި ޚިދުމަތާއިއެކު އެޕޮއިންޓްމެންޓް ނުހައްދާވެސް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެކަމަށް އާސަންދަ ކުންފުނިން ބުނެއެވެ. އަދި ކިއުގައި މަޑުކުރުމެއްނެތި އަވަހަށް ފަރުވާ ލިބިގެންދާނެކަމަށްވެސް އާސަންދަ ކުންފުނިން ބުނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް އަންނަނީ ގިނަޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ތުންފަތާއި ތަލީގެ އައިބު ފިލުވުމަށްކުރާ (ކްލެފްޓް ލިޕް / ކްލެފްޓް ޕެލެޓް) އޮޕަރޭޝަން ހިމެނެއެވެ. ކްލެފްޓް ލިޕް އަދި ކްލެފްޓް ޕެލެޓް، ނުވަތަ ތުންފަތާ ތަލީގެ އައިބު އޮފަރޭޝަނަކީ އުފެދުމުގައި ނޫނީ އެނޫނަސް ދިމާވާ ކަމަކުން ތުންފަތުގައި އަދި ތަލީގައި ހުންނަ އައިބުތައް ފިލުވާލުމަށް ހަދާ ސާޖަރީއެކެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ދެއްވާ އެހެނިހެން ބައެއް ޚިދުމަތްތަކުގެ ތެރޭގައި، ދަތުގެ ފަރުވާއާއި، ކަށީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތާއި، ލެބޯޓްރީގައި ތެލެސީމިއާ ޓެސްޓުކުރުމުގެ ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތް ހިމެނެއެވެ. އަދި އެހޮސްޕިޓަލުން ދަނީ އަލްޓްރާ ސައުންޑް ސްކޭން ކުރުމުގެ ޚިދުމަތް ވެސް ދެމުންއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނިން ވަނީ މިދިޔަ މަހު އެ ހޮސްޕިޓަލްގައި އޮންކޮލޮޖީ ސެންޓަރެއް ހުޅުވައި ކެންސަރު ބައްޔަށްވެސް ފަރުވާދޭން ފަށާފައެވެ.