ޚަބަރު

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި!


ހަތަރުވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަދު މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ފަށައިފިއެވެ. މި ކޮންފަރެންސް ފަށްޓަވއިދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމެވެ. މިއަހަރުގެ ކޮންފަރެންސް އޮންނާނީ މިމަހުގެ ބާރަ، ތޭރަ މިދެދުވަހުއެވެ. 

މި އަހަރުގެ ކޮންފަރެންސް އިންތިޒާމްކޮށްފައިވަނީ  ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގުޅިގެންނެވެ. މިފަހަރުގެ ކޮންފަރެންސްގެ ތީމަކީ "ކަރިކިއުލަމް ޕެޑެގޮޖީ އެންޑް އެސެސްމެންޓް: އިނޮވޭޓިވް ވިޝަންސް ޓު ފޯސްޓަރ އިފެކްޓިވް ލާނިންގ."އެވެ.

މި ކޮންފަރެންސަކީ، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ކޮންމެ ދެއަހަރުން އެއްއަހަރު ތަޢުލީމީ ދާއިރާގެ، އުނގަންނައިދިނުމުގެ ކަންކަމަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. ތަޢުލީމީ ދާއިރާއާ ގުޅުންހުރި ތަޖްރިބާކާރު ބޭފުޅުން ހިމެނޭގޮތަށް އިންޓަރނޭޝަނަލް ފެންވަރުގައި ފުރުޞަތު ހުޅުވާލައިގެން ބާއްވަމުންގެންދާ މި ކޮންފަރެންސްގައި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް އެއްވެސް އިސްތިސްނާއެއްނެތި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެންއައިއީން ބުނެއެވެ.

ހަތަރުވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ ތަޢުލީމީ ނިޒާމެއްގެ އެންމެ މުހިއްމު އެއްކަމަކީ ދަރވަރުންގެ ޝައުގުވެރިކަން ހުރި ދާއިރާތަކާއި ޤާބިލިއްޔަތުކަން  އެ ދަރިވަރުން އަމިއްލައަށް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ  ތަޢުލީމް ފޯރިކޮށްދޭ ކޮންމެ ތަނެއްގެ ޒިންމާއަކީ  ދަރިވަރުން ބާރުވެރިކުރުވާ އެކުދިންނަށް ތަފާތު ފުރުސަތުތައް ހޯދައިދިނުންކަމަށެވެ. އެގޮތުން ދަރިވަރުންނަށް  ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް ދަސްކޮށްދިނުން މުހިއްމުކަން މިނިސްޓަރ  ފާހަގަކުރެއްވިއެވެ. ދަރިވަރުން ބޭނުންވާ ގަޑިތަކުގައި ހުއްޓުމެއްނެތި މޢުލޫމާތާއި، އިރުޝާދުތައް ފޯރުކޮށްދިނުމަކީ އެންނެމެންގެ ޒިންމާއެކަމަސްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ މެނޭޖިން ޑިރެކްޓަރ ރަތްނޭޝް ކުމާރު ޖާ  ވިދާޅުވީ މި ސަރަޙައްދުގެ ޤައުމުތަކުން، ރާއްޖެއަކީ ލިޔަން ކިޔަން ދަތުމުގެ ނިސްބަތް އެންމެ މަތީ ޤައުމުކަމަށެވެ.

މިރަސްމިއްޔާތުގައި ވަނީ 2015 ވަނަ އަހރު ބޭއްވި ޓީޗަރުންގެ މަހާސިންތާގެ ސްޕެޝަލް އިޝޫ އާއި  އެކްޝަން ރިސަރޗްގެ އަތްމަތީ ފޮތެއް ނެރެފައެވެ. މި ފޮތް ނެރެދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމެވެ.

ޓީޗަރސް ކޮނަފަރެންސްގެ މަޤްސަދުތަކުގެ ތެރޭގައި، ކަރިކިއުލަމް ހެޔޮގޮތުގައި ތަންފީޒުކުރުމަށްޓަކައި ތައުލީމީ ދާއިރާއަށް ޚިދުމަތްކުރާ ފަރާތްތަކުގެ އެހީތެރިކަމާ އެއްބާރުލުން ހޯދުމާއި، ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ކޮށްފައިވާ ދިރާސާތަކާއި، ހޯދާފައިވާ ހޯދުންތަކުން ލިބިފައިވާ މަޢުލޫމާތު ވީހާވެސް ގިނަ ފަރާތްތަކާ ޙިއްސާކުރެވޭފަދަ ޕްލެޓްފޯމެއް ޤާއިމްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ކޮންފަރެންސައް ހުށަހެޅޭ ދިރާސަތަކުގެ އަލީގައި ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ މަގުފަހުކޮށްދިނުމާއި، ކިޔަވައިދިނުން އިތުރަށް ހަރުދަނާކޮށް އުނގެނުމަށް ފަހި މާހައުލެއް ޤާއިމްކުރުމަށް މަގުފަހުކޮށްދިނުވެސް ހިމަނާފައިވެއެވެ. އަދި ތައުލީމީ ދާއިރާގައި ހުރި ގޮންޖެހުންތައް ފާހަގޮށް އެކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ކަނޑައެޅުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކޮށް މަޢުލޫމާތާއި ތަޖްރިބާ ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުންވެސް މި ކޮންފަރެންސްގެ މަޤުސަދުތަކުގެތެރޭގައި ހިމެނެއެވެ.