ސިއްހަތު

"ކޮބާ ޑޮކްޓަރ"ގެ ރަސްމީ ވެބްސައިޓް އިފްތިތާހް ކޮށްފި!


ޑޮކްޓަރުންގެ ޝެޑިއުލްތައް ފަސޭހައިން ރައްޔިތުންގެ ހަމަޔަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އެމްވީ މެޑިކަލްސްއިން "ކޮބާ ޑޮކްޓަރ؟" ގެ ނަމުގައި ރަސްމީ ވެބްސައިޓް އިފްތިތާހްކޮށްފިއެވެ.

މިއަދު އާރޓް ގެލަރީގައި ބޭއްވި ހަފްލާއެއްގައި މި ވެބްސައިޓް އިފްތިތާހް ކޮށްދެއްވީ އެމްވީ މެޑިކަލްސްގެ މެނޭޖަރ މާކެޓިން އެންޑް ޕްބްލިކް ރިލޭޝަން ޢަބްދުލް ޖަލީލް ޙުސެއިން އެވެ.

އެމްވީ މެޑިކަލްސްއިން ބުނީ "ކޮބާ ޑޮކްޓަރ؟" ގެ ވެބްސައިޓުުން، ޑޮކްޓަރުން ބަލަމުންދާ ދުވަސްތަކާއި ވަގުތުގެ އިތުރުން، ހޮސްޕިޓަލް ތަކުގައި ހުރި އިންޝުއަރެންސް ސްކީމްތަކުގެ މަޢުލޫމާތުވެސް ފެންނާނެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދިން އިންޓަރވިއުއެއްގައި އެމްވީ މެޑިކަލްސްގެ މެނޭޖަރ މާކެޓިން އެންޑް ޕްބްލިކް ރިލޭޝަން ޢަބްދުލް ޖަލީލް ޙުސައިން ވިދާޅުވި އެމްވީ މެޑިކަލްސްގެ އަމާޒަކި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ޝެޑިއުލްތައް އާންމުންނަށް ފަސޭހައިން ބަލާލެވޭނެގޮތް ހެދުންކަމަށެވެ. އަދި ވެބްސައިޓް އިތުރަށް ތަރައްޤީކޮށް މޯބައިލް ފޯނުންވެސް ފަސޭހައިން ބަލާލެވޭނެގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޢަބްދުލް ޖަލީލް ހުސެއިން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަޤްޞަދަކީ ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު މެޑިކަލް ޚިދުމަތްތަކުގެ ފެސިލިޓީސްތައް ހުރި ދިމަދިމާ ފަސޭހަކަމާއިއެކު އިނގޭނެ ގޮތްތައް ހަދައިދިނުން. ވަކި ޑޮކްޓަރެއްގެ ނަން ސަރޗްކޮށްލައިގެންވެސް އެ ޑޮކްޓަރ މަސައްކަތް ކުރައްވާ ޑިޕާޓްމަންޓްތައް، ކްލިނިކްތައް އިނގެން ހުންނާނެ. ހަމަ އެއާއިއެކު ކުޑަކުދިންގެ ޑޮކްޓަރެއް ހޯދަން ބޭނުންވާނަމަ ޑިޕާޓްމަންޓް ބަޓަންއަށް ކްލިކް ކޮށްލެއްވީމަ ރާއްޖޭގަ މަސައްކަތް ކުރާ ހުރިހާ ކުޑަކުދިންގެ ޑޮކްޓަރުންތައް ފެންނަން ހުންނާނެ" ޢަބްދުލް ޖަލީލް ޙުސެއިން ވިދާޅުވިއެވެ.

އެމްވީ މެޑިކަލްސް އިން ބުނީ މި ޚިދުމަތް އިތުރަށް ފުޅާކޮށް، ދިވެހިން ސިއްޙީ ފަރުވާ ހޯދަން އެންމެ ގިނައިންދާ ޤައުމުތަކުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ ޝެޑިއުލްވެސް ބެލޭނެގޮތް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް އަމާޒަކީ، ރާއްޖެއިން ލިބެންހުންނަ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ހޯދުމަށް ރާއްޖެއިން ބޭރަށްދާ ދިވެހިންގެ އަދަދު މަދުކުރުން ކަމަށްވެސް އެމްވީ މެޑިކަލްސްއިން ބުނެއެވެ.