ރިޕޯޓް

"މުޙައްމަދު ރަސޫލުﷲ" ސިލްސިލާގެ ބަދަލުގައި ޞަލާޙުއްދީން އައްޔޫބީ!


ކޮންމެ އަހަރެއްގެ ރަމަޟާން މަހު ޕީއެސްއެމްގެ ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދޭ "މުޙައްމަދު ރަސޫލުﷲ" ސިލްސިލާގެ ބަދަލުގައި "ޞަލާޙުއްދީން އައްޔބީ"ގެ ޙަޔާތުގެ މައްޗަށް އުފައްދާފައިވާ ޓީވީ ސިލްސިލާ ގެނެސްދިނުމަށް ނިންމައިފިއެވެ. 

މިކަން ރަސްމީކޮށް ހާމަކުރީ ޕީއެސްއެމްގެ ދީނީ ޓީވީ ޗެނަލް "މުންނާރު ޓީވީ" ޕްރޮމޯޓްކޮށް އިސްލާމީ ކޮންޓެންޓް ހޯދުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާއި މެލޭޝިއާގެ ގްލޯބަލް މީޑިއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ."މުންނާރު ޓީވީ" ޕްރޮމޯޓްކޮށް އިސްލާމީ ކޮންޓެންޓް ހޯދުމުގެ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި މެލޭޝިއާގެ ގްލޯބަލް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ސަޢީދު ޖުނައިދީއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ގްލޯބަލް މީޑިއާގެ އިސްލާމީ ގިނަ ކޮންޓެންޓްތަކެއް މުންނާރު ޗެނަލަށް ލިބޭނެކަމަށެވެ. 

މި އެއްބަސްވުމުގެ ދަށުން ޞަލާޙުއްދީން އައްޔޫބީގެ ހަޔާތްޕުޅުގެމައްޗަށް ކުޅެފައިވާ ސިލްސިލާ ޑްރާމާ ލިބިގެންދާނެކަމަށާއި، އުއްމީދަކީ އަންނަ ރޯދަމަހު މުހައްމަދު ރަސޫލުﷲ ބަދަލުގައި މި ސިލްސިލާ ދިވެހިބަހަށް ތަރުޖަމާކޮށްގެން ގެނެސްދިނުންކަމަށެވެ. ޞަލާހުއްދީން އައްޔޫބީއަކީ މުސްލިމުންގެ ވެރިއެއްގެ ގޮތުގައި މަސައްކަތްކުރެވި ބޭކަލެކެވެ. އެމަނިކުފާނުގެ މަސައްކަތުން ބައިތުލްމަޤްދިސް ގިނަ ރަށްތަކާއި، ޝާމްކަރައާއި ޔަމަނާއި ދިމިސްޤާއި، މިނޫންވެސް އެތައް ރަށްތަކެއް ފަތަހަކުރައްވާ މުސްލިމުންގެ ބާރުގެ ދަށަށް ގެންނަވާފައިވެއެވެ.

img:http://s3.psmnews.mv/images/660x400/15104022248035.jpg|އިސްލާމިކް މިނިސްޓްރީއާއި މެލޭޝިއާގެ ގްލޯބަލް މީޑިއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ : ޕީއެސްއެމް

މިނިސްޓަރ ޑރ.ޒިޔާދު ވިދާޅުވީ، ކީރިތި ރަސޫލާގެ ހަޔާތްޕުޅާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ތިރީސް އެޕިސޯޑްގެ ޕްރޮގްރާމެއްވެސް ވަރަށް ކައިރި މުސްތަޤްބަލެއްގައި މުންނާރު ޗެނަލުން ދައްކަން ފަށާނެކަމަށާއި، މިހާރު ކުރިއަށްދަނީ އެ ތަރުޖަމާކޮށް، އަޑުއެޅުން ނުވަތަ ޑަބްކުރުމުގެ މަސައްކަތްކަމަށެވެ. މީގެ އިތުރުންވެސް  އިސްލާމީ ކާޓޫނާ އިސްލާމީ ބައެއް ކޮންޓެންޓް އެކުންފުނީގެ އެހީތެރިކަމާއެކު ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކަނޑުގެ މުޖިޒާތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ސިލްސިލާ ރާއްޖޭގައި ޝޫޓް ކުރެވެމުންދާކަން މިނިސްޓާރ ފާހަގަކުރެއްވިއެވެ.

"ކީރިތިރަސޫލާގެ ޙަދީސްފުޅުތަކާއި ކީރިތިޤުރުއާނުގައި ވާރިދުވެފައިވާ މުޢުޖިޒާތްތަކާ ބެހޭގޮތުން، ރާއްޖޭގައި (ޕްރޮގްރާމްތަކެއް) ޝޫޓް ކުރަމަށް ކުރާ މަސައްކތަކީ ރާއްޖޭގައި ކުރެވޭ މިފަދަ ފުރަތަމަ މަސައްކަތް. ކަނޑުގެ މުއުޖިޒާތްތައަކާ ބެހޭ ގޮތުން ޕްރޮގްރާމެއް ޝޫޓްކުރުމަށް، ރާއްޖެ އިޚްތިޔާރުކުރިކަމަށްޓަކާ ގްލޯބަލް މީޑިއާއަށް ޝުކުރުއަދާކުރަން. މިއީ ރާއްޖެގެ ޖިއޮގްރަފީގޮތުން އުފެދިފައިވާގޮތާ ގުޅޭގޮތާ، އިސްލާމީ ޝަރީޢަތުގައ އައިސްފައިވާ ކަންކަމާ ބެހޭގޮތުން ރާއްޖޭގައި ކުރެވޭ މިފަދަ ފުރަތަމަ މަސައްކަތް. މިކަމުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖޭގެ މަޝްހޫރުވާނެ." މިނިސްޓަރ ޑރ.ޒިޔާދު ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޕްރޮޑަކްޝަން ހައުސްތަކާ ގުޅިގެން އިސްލާމީ މަޢުލޫމާތާ ކޮންޓެންޓް ހޯއްދަވައިގެން ދިވެހިބަހަށް ތަރުޖަމާކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ކުރިމަގުގައި ދީނީ ޢިލްމީ ގިނަ ޕްރޮގްރާމްތަކެއް ރައްޔިތުންނާ ހަމައަށް ގެނެސްދެވޭނެކަމަށެވެ.

img:http://s1.psmnews.mv/images/660x400/15104022389332.jpg|އިސްލާމިކް މިނިސްޓްރީއާއި މެލޭޝިއާގެ ގްލޯބަލް މީޑިއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ އެމްޑީ ވާހަކަފުޅުދައްކަވަނީ - ފޮޓޯ : ޕީއެސްއެމްގައި

"ޓީވީ ޗެނަލެއް ފެށުން ފަސޭހަކަމެއް. ނަމަވެސް މީހުން ޝައުގުވެރިކުރުވާ އިލްމީ ޕްރޮގްރާމް އުފައްދައިގެން ދެމެހެއްޓެނިވިގޮތަށް ކުރިއަށް ގެންދިއުމަކީ އުނދަގޫކަމެއް. ނަމަވެސް މިކަން ފަސޭހަވެގެން މިދަނީ އިސްލާމިކް މިނިސްޓްރީން ވަރަށް ގާތުން ބައްލަވާ މި ޗެނަލްގެ ކޮންޓެންޓް މުއްސަނދިކޮށްދެއްވުމަށް ބޮޑެތި މަސައްކަތްކޮށްދެއްވާތީ. ކުރިއަށް ވަރަށް ބޮޑެތި ކަންކަން ރޭވިފައި އެބަހުރި. މިހާރުވެސް މިނިސްޓްރީން އެކި ފަރާތްތަކަށް ގުޅުއްވައިގެން ހޯއްދަވާ މަޢުލޫމާތާއި ކޮންޓޭންޓް ހޯއްދަވައިގެން ދިވެހިބަހަށް ތަރުޖަމާކޮށް ވޮއިސް އޯވަރކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ކުރިމަގުގައި މިހާރަށް ވުރެ ބޮޑަށް މުންނާރު ޓީވީގެ ކޮންޓެންޓް މުއްސަނދިކުރުން އަމާޒަކީ." އިބްރާހީމް ޚަލީލް ވިދާޅުވިއެވެ. 

ގްލޯބަލް މީޑިއާގެ ޖެނެރަލް މެނޭޖަރ ސަޢީދު ޖުނައިދީ ދެއްކެވި ވާހަކާގައި އިސްލާމީ ވާހަކަތަކާއި، އިސްލާމީ ތާރީޚާއި ސަޤާފަތާގުޅޭ ގިނަ މަޢުލޫމާތު ގެނެސްދިނުމަށްް އިސްކަން ދޭނެކަމަށާއި، އެގޮތުން ސަލާހުއްދީން އައްޔޫބީ ސިލްސިލާއަކީވސް ވަރަށް މުހިންމު ޢިބްރަތްތެރި ސިލްސިލާއެއްކަން ފާހަގަކުރެއްވިއެވެ. މި ސިލްސިލާއިން ވަރުގަދަ އިސްލާމީ ލީޑަރުންގެ ޝަޚުސިއްޔަތު ފެނިގެންދާނެކަމަށް ސަޢީދު ޖުނައިދީ ވިދާޅުވިއެވެ.

ޕީއެސްއެމާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އުފައްދާފައިވާ މުންނާރު ޗެނަލްއިން އިސްލާމީ މަޢުލޫމާތާއި ދިނާއި ގުޅުންހުރި ތަފާތު ގިނަ މަޢުލޫމާތުތަކެއް އަންނަނީ ރައްޔިތުންނާ ހަމައަށް ގެނެސްދެމުންނެވެ. އަދި ރޭޑިއޯ ޗެނަލް ދީނުގެ އަޑު މެދުވެރިކޮށްވެސް ދީނީ ގިނަ މަޢުލޫމާތުތަކެއް ދުރަށް ފޮނުވަމުން ގެންދެއެވެ. މުސްތަޤްބަލުގައި ރާއްޖޭގައި އެންމެ މަޤްބޫލު ޗެނަލަށް މުންނާރު ޗެނަލް ވެގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.