އދ.ގެ ސެކިއުރޓީ ކައުންސިލްގެ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް މެމްބަރު ޤައުމުތަކުގެ ތާޢީދު ލިބެމުންދާކަމަށް ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައިހުންނަވާ ދާއިމީ މަންދޫބު ޑރ.ޢަލީ ނަޞީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.
2019 އިން 2020 ވަނަ އަހަރުގެ ނިޔަލަށް އދ.ގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރުކަން ހޯދުމަށް ދިވެހިރާއްޖެއިން ގެންދަނީ ކެމްޕެއިން ކުރަމުންނެވެ. ބަނޑޮސް އައިލެންޓް ރިސޯޓްގައި ހުންނަވާ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ޑރ.ޢަލީ ނަޞީރު ވިދާޅުވީ، އދ.ގެ ސެކިއުރިޓީ ކައުސިލްގެ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނިއުޔޯކްގައި ހުންނަ އދ.ގެ އޮފީހުން ކުރަމުންދާ މަސައްކަތަކީ، ޤައުމުތަކުގެ ސަފީރުންނާ ބައްދަލުކޮށް ތާޢީދު ހޯދުމުގެ މަސައްކަތްކަމަށެވެ.
އަދި މިހާތަނަށް ބައްދަލުކުރެއްވި ސަފީރުންގެ ތާޢީދު ރާއްޖެއަށް ލިބެމުންދާކަމަށާއި، އދ.ގެ ޗާޓަރާއެއްގޮތަށް ރާއްޖެއިން ޢަބަދުވެސް ޢަމަލުކުރާކަން އެޤައުމުތަކުން ބަލައިގަންނަކަމަށް ސަފީރު ވިދާޅުވިއެވެ.
"ސަފީރުންނާ ބައްދަލުކޮށްފަ، ސަފީރުންނަށް މި ކިޔާދެނީ ކީއްވެގެންތޯ އދ.ގެ ސަލާމަތީ މަޖިލީހަށް ރާއްޖެ އިންތިޚާބު ކުރެވެންވީ. ދިވެހިރާއްޖެއިން އދ.ގެ ސެކިއުރިޓީ ކައުންސިލަށް ގެނެސްދޭނީ ކޮންކަހަލަ އާ ޚިޔާލުތަކެއްތޯ. ސަލާމަތީ މަޖިލީހުގެ ނިންމުންތަކަށް ރާއްޖެއިން ކޮންޓްރިބިއުޓް ކުރާނީ ކިހާ މިންވަރަކަށްތޯ." ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ، އދ.ގެ މެމްބަރު ޤައުމުތަކުން ރާއްޖެއިން އެކި ދާއިރާތަކުން ހޯދަމުންދާ ކުރިއެރުންތައް ބަލައިގަންނަކަމަށެވެ.
ސެކިއުރިޓީ ކައުންސިލްގެ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާޞިމް ވިދާޅުވީ ޤައުމުތަކުގެ ތާޢީދު ހޯދުމަށްޓަކައި، ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކުގެ މަޢުލޫމާތާއި، އެކި ރޮނގުރޮނގުން ހޯދަމުންދާ ކުރިއެރުންތައް ބޭރުޤައުމުތަކާ ހިއްސާކުރަމުންދާކަމަށެވެ. އަދި މި ކަމުގެ ނަތީޖާ ރަނގަޅުވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ބައިނަލްއަޤްވާމީ ދުނިޔޭގައި އެކި ދާއިރާތަކުން ކޮންޓްރިބިއުޓް ކުރެވޭނެ މިންވަރު ހާމަކުރުމުގެ މަސައްކަތް ރާއްޖޭގަ، އަދި ނިއުޔޯކްގައި ދަނީ ކުރެވެމުން" - ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާޞިމް ވިދާޅުވިއެވެ.
އދ.ގެ ސެކިއުރިޓީ ކައުންސިލަކީ އދ.ގެ ގުނަވަންތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއް ގުނަވަނެވެ. ދުނިޔޭގައި ސުލްޙަ ޤާއުމުކުރުމާއި، ޤައުމުތަކާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަންޖެހޭ ޙާލަތްތަކުގައި ގޮތެއް ކަނޑައަޅާނީ ސެކިއުރިޓީ ކައުންސިލުންނެވެ. ސެކިއުރިޓީ ކައުންސިލްގެ ނޮން-ޕާރމަނެންޓް މެމްބަރުކަމަށް ރާއްޖެއިން ކުރިމަތިލާފައިވާއިރު، އެކައުންސިލަށް މެމްބަރުން އިންތިޚާބުކުރާނީ، އދ.ގެ މެމްބަރު ޤައުމުތަކުގެ މެދުގައި ނެގޭ ވޯޓަކުންނެވެ.