ތަރައްްޤީ

އައި.އެސް ވުޖޫދުން ފުހެލުމަށް އެމެރިކާ އާއި ރަޝިޔާ އެއްގަލަކަށް


އައިއެސް ޖަމާޢަތް ވުޖޫދުން ފުހެލެވެންދެން އެ ޖަމާޢަތާ ދެކޮޅަށް ގުޅިގެން ހަނގުރާމަކުރުމަށް އެމެރިކާ އާއި ރަޝިޔާއިން އެއްބަސްވެއްޖެއެވެ.

ދެ ޤައުމަށް އެއްބަސްވުމަކަށް އާދެވިފައިވަނީ ވިއެޓްނާމުގައި މިހާރު ކުރިއަށްދާ އޭޝިޔާ ފެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް)ގެ އިސްވެރިންގެ ސަމިޓްގެ ހަވާސާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.

ޓްރަމްޕާއި ޕުޓިންގެ މަޝްވަރާތަކަށްފަހު ދެ ބޭފުޅުން ނެރުއްވި ގުޅިފައިވާ ބަޔާން، ކްރެމްލިންގެ ވެބްސައިޓްގައިވަނީ ޝާއިޢުކޮށްފައެވެ. އެ ބަޔާނުގައި، އައިއެސްއާ ދެކޮޅަށް ގުޅިގެން ހަނގުރާމަކުރުމުގެ އިތުރުން، ސޫރިޔާގެ މައްސަލައަށް އަސްކަރީ ޙައްލެއް ނުގެނެވޭނެކަމާއި، އެ މައްސަލަ ހައްލުކުރެވޭނީ ސިޔާސީ ގޮތުންކަމަށްވެސް ޓްރަމްޕާއި ޕުޓިން އެއްބަސްވެވަޑައިގެންފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ވައިޓް ހައުސްއިން ވަނީ އޭޕެކް ސަމިޓްގައި ޓްރަމްޕާއި ޕުޓިން ރަސްމީ ސިފައެއްގައި ބައްދަލުނުކުރައްވާނެ ކަމަށާއި އަދި ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމަށް އެޖެންޑާއެއްވެސް ނެތްކަމަށް ބުނެފައެވެ.