ޚަބަރު

ޖުމްހޫރީ ދުވަހާ ގުޅުވައިގެން ބައިސްކަލްބުރެއް ބާއްވައްވައިފި


ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބައިކްމޯލްޑިވްސް އިން މާލޭގައި ބައިސްކަލް ބުރެއް ބާއްވައިފިއެވެ. 

މިއަދު ހެނދުނު މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ކުރިއަށްގެންދިޔަ މިބައިސްކަލް ބުރުގައި ބައިކް މޯލްޑިވްސްގެ މެންބަރުންނާއި، އެކި އުމުރުފުރާތަކުގެ ހެޔޮއެދޭ ފަރާތްތަކުން  ބައިވެރިވިއެވެ. މީގެ ތެރޭގައި ތުއްތުކުދިންވެސް ހިމެނެއެވެ. ބައިކް މޯލްޑިވްސްއިން ދަނީ ޤައުމިއްޔަތު އާލާކުރުމުގެ ގޮތުން ޤައުމީ މުނާސަބަތުތަކުގައި މިފަދަ ބައިސްކަލް ބުރުތައް ބާއްވަމުންނެވެ. 

ބައިކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އަޙުމަދު ޙަސަން ދީދީ ވިދާޅުވީ ޤައުމީ ރޫހް އާލާކުރުމުގެ ގޮތުން ބައިސްކަލް ދުއްވުމުގެ ހަރަކާތްތައް އެކިދުވަސްމަތިން ބާއްވާކަމަށެވެ. 

"މި ބުރުގައި ހައަހަރާއި، އަތް އަހަރުން ފެށިގެން ފަސްދޮޅަސް އަހަރުން މަތީގެ ބޭފުޅުންވެސް ބައިވެރިވޭ. މި ހަމަ ބައިސްކަލް ދުއްވާލުމެއް މަޤްސަދަކީ އެންމެންގެ ގުޅުން ބަދަހިކުރުމާއެކު އަޅުގަނޑުމެންވެސް މިކަހަލަ ޤައުމީ މުނާސަބާ ފާހަގަކުރުން. އެހެންވީމަ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ބައިކް މޯލްޑިވްސްހެ ފަރާތުން އަރިސްކުރަން" އަހްމަދު ހަސަންދީދީ ވިދާޅުވިއެވެ.

ތަފާތު ކުލަކުލައިގެ ޑިޒައިންތަކުގެ ބައިސްކަލްތަކުގައި ދިޔަ މި ބައިސްކަލް ބުރުގެ ތެރޭގައި ޤައުމީ ލަވަތަށް ވެސް އަޑުއިވިގެން ދިޔައެވެ. މިބައިސްކަލް ބުރު ކުރިއަށް ގެންދިޔައީ ޤައުމީ ކުލައިގެ ހެދުންތަކުގައި ޤައުމީ ދިދައާއެކުއެވެ. 

ބޮޑުތަކުރުފާނު މަގު ބްރިޖް ޕްލެޓް ފޯމް ސަރަހައްދުން ފެށި  ގޮސް ރަސްފަންނު ސަރަހައްދުގައި މަޑުކުރުމަށްފަހު މަޖީދީމަގުން ގޮސް ޖުމްހޫރީ މައިދާން ސަރަހައްދުގައިވެސް ބައިސްކަލް ބުރުގެ ބައިވެރިން މަޑުކޮށް ވަނީ ވަގުތުކޮޅެއް ހޭދަކޮށްފައެވެ.