ރިޕޯޓް

ކުޅުދުއްފުށީ ފެންބަންދުކުރާ ކާރުޚާނާގެ ޢަމަލީ މަސައްކަތް ފަށައިފި


އައިލެންޑް ބެވަރެޖާރސްގެ ފަރާތުން ހދ.ކުޅުދުއްފުށީގައި ޤާއިމުކުރާ ފުޅީގައި ފެން ބަންދުކުރާ ކާރުޚާނާގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި ކާރުޚާނާއިން ގަޑިއަކު ދިހަހާސް ފުޅީގައި ފެން ބަންދުކުރެވޭނެކަމަށް އެމްޑަބްލިއުއެސްސީއިން މަޢުލޫމާތުދެއެވެ. މި މަސައްކަތް އިފްތިތާޙްކޮށްދެއްވީ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒެވެ. މި ޕްލާންޓުން ހއ.އާއި ހދ.ގެ ރަށްތަކަށް ފެން ފޯރުކޮށްދޭނެއެވެ. 

މި މަޝްރޫޢު އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ މުޅި ރާއްޖެއާއި ކުޅުދުއްފުށީގެ ތަރައްޤީއަށް ކުރިއަށްގެންދެވޭ މުހިންމު މަޝްރޫޢަކަށް ވެގެންދާނެކަމަށެވެ. މި ބޮޓްލިންގ ޕްލާންޓްގެ ސަބަބުން ކުޅުދުއްފުށީގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށްވެސް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އެއަރޕޯޓު ތަރައްޤީކޮށް، ފަތުރުވެރިކަން ފުޅާވަމުން އަންނައިރު، މި ޕްލާންޓްގެ ސަބަބުން ރައްކާތެރި ބޯފެން ޔަގީންވެގެންދިއުމަކީ ލިބޭ ކުރިއެރުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މި ފެން ޕްލާންޓުން މާލޭގައި ފެންއުފައްދާ މިންވަރަށްވުރަ ދެގުނަ އިތުރަށް ފެން އުފެއްދޭނެކަމަށެވެ. 

"ރާއްޖޭގެ ކަންކޮޅުތަކުގައި މިފަދަ ޕްލާންޓްތައް ޤާއިމުކުރުމަކީ ވަރަށް މުހިންމުކަމެއް. މިފަދަ ޕްލާންޓްތަކުގެ ސަބަބުން، 2014ވަނަ އަހަރު (މާލޭގައި)ހިނގި ފެނުގެ ކާރިސާފަދަ ކާރިސާތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ކުޑަވެ، ފެނުގެ ސެކިއުރިޓީ ބޮޑުވެގެންދާނެ." ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

މި ޕްލާންޓްގެ މަސައްކަތް އަންނަ އަހަތުގެ ފުރަތަމަ ކުއާރޓަގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެމްޑަބްލުއުއެސްސީން މަޢުލޫމާތުދޭ ގޮތުގައި، މި ޕްލާންޓުން 330އެމްއެލްއާއި، 1.5 އެމްއެލްއާއި، 500 އެމްއެލްގެ ފުޅީގައި ފެން ބަންދުކުރާނެއެވެ. އަދި 5 ލީޓަރުގެ ފުޅި ބަންދުކުރުމުގެ ޚިދުމަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް އެމްޑަބްލިއުއެސްސީ އާއި އައިލެންޑް ބެވަރޭޖަސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ފަޒުލް ރަޝީދް ވިދަޅުވިއެވެ. 5 ލީޓަރުގެ ލައިނުން ގަޑިއަކު 2000 ފުޅި ބަންދުކުރެވޭނަކަމަށް ފަޒުލް ވިދާޅުވިއެވެ. 

"މި ޕްލާންޓްގެ ސަބަބުން މާލެއިން ބޮޑު ނާލު ދައްކައިގެން ފެން ގެނައުމުގެ ބަދަލުގައި ފެންލިބޭލެއް އަގުހެޔޮވެގެންދާނެ. އަދި މިއީ މި ސަރަޙައްދުގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް އުފެދިގެންދާނެކަމެއް. އަދި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފުޅާކުރުމަށް ޑިސްޓްރިބިއުޝަން ނެޓްވަރަކްތަކެއްވެސް ޤާއިމުކުރާނަން." ފަޒުލް ވިދާޅުވިއެވެ. 

ފަޒުލް ވިދާޅުވީ މި މަސައްކަތަކީ ރަޢީސްގެ ސީދާ އިސްނެެންގެވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. 5 ލީޓަރުގެ ލައިންއާއިއެކު މި ބޮޓްލިންގް ޕްލާންގެ އަގު ޖުމްލަ ތިރީސް މިލިއަނަށް އަރާނެކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ. ހދ.ކުޅުދުއްފުށީގެ އިތުރުން ރ.ދުވާފަރުގައިވެސް ފެންބަންދުކުރާ ކާރުޚާނާއެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ.