ޚަބަރު

މިރޭ ދަރުސް "އިސްލާމީ މުޖުތަމަޢަކަށް މަޝްވަރާގެ މުހިންމުކަން"


ޕީއެސްއެމްއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކޮންމެ ހަފްތާއަކު ހުކުރުދުވަހު ކުރިއަށްގެންދާ އެންމެ ބޮޑު އިސްލާމީ ފެސްޓިވަލް، މިއަދު ވެސް ކުރިއަށް ގެންގޮސްފިއެވެ.

އިސްލާމިކް މިނިސްޓްރީއާއި، ފަބްލިކް ސަރވިސް މީޑިއާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި ޙަރަކާތަކީ، އެއްއަހަރުގެ މުއްދަތަށް ކޮންމެ ހުކުރު ދުވަހަކު ކުރިއަށްގެންދަން ރާވާފައިވާ ދީނީ ބޮޑު ޙަރަކާތެކެވެ. "ހުކުރު އުފާ" ޚާއްޞަ ކޮށްފައިވަނީ އިސްލާމީ ވެއްޓެއްގައި ޢާއިލީ ގުޅުން ބަދަހިކޮށް، އިސްލާމީ ރޫޙް އާލާކުރެވޭނެ މާޙައުލެއް ރައްޔިތުންނަށް ހޯދައިދިނުމަށެވެ.

ކޮންމެ ހަފްތާއަކު ހުކުރު ދުވަހު ދެ ދަނަފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލުގައި ދުވާލުގެ ދަންފަޅީގައި، ކުޑަކުދިންނަށް ކުޅިވަރުތައް ހާއްސަކޮށް، އާއިލާތައް ހިތްހަމަޖެހޭނެ މާހައުލެއްއުފެދޭގޮތަށް ކުރިއަށްގެންދެއެވެ.

މިއީ ހުކުރު އުފާ ފެސްޓިވަލް ފެށިފަހުން ބާއްވާ ފަނަރަވަނަ ފެސްޓިވަލެވެ. މި ފެސްޓިވަލްގެ ތެރެއިން ދީނީ އެކި ކަންކަމާ ބެހޭ ފޮތްތަކާއި، މައުލޫމާތާއި ދީނީ އެކި ކުޅިވަރުތައް ފެސްޓިވަލްގެ ތެރެއިން ފެނިގެންދެއެވެ. ހުކުރު އުފާގެ ހަވީރުގެ ދަންފަޅީގައި ބައިވެރިވި މީހުން ވަނީ  މިފަދަ ހަރަކާތްތައް ގިނައިން ބޭއްވުން މުހިއްމުކަން ފާހަގަ ކޮށްފައެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ދީނީ އެތައް މަޢުލޫމާތުތަކެއް ލިބިގެންދާކަމަށާއި ހުކުރު އުފާގެ ތެރެއިން ބާއްވަމުންއަންނަ ދަރުހުންވެސް ކުރިން ނޭގި ހުންނަ މަޢުލޫމާތުތައް އެނގިގެންދާކަމަށެވެ.

ހުކުރު އުފާގެ މިހަފްތާގެ ހަރަކާތުގައި ޕޮލިޓެކްނިކްގެ ފަރާތުންވެސް ބައިވެރިވިއެވެ. އެކޮލެޖުންވަނީ ކޮލެޖްގައި ކިޔަވާދަރިވަރުންގެ މަސައްކަތްތައް ދައްކާލާފައެވެ. މީގެ އިތުރުން ކޯސްތަކުގެ މައުލޫމާތުތައްވެސް ހިއްސާކޮށްފައިވެއެވެ.

ހުކުރު އުފާ ފެސްޓިވަލްގެ މިރޭގެ ދަންފަޅީގައި  ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ "އިސްލާމީ މުޖުތަމަޢަކަށް މަޝްވަރާގެ މުހިންމުކަން" މި މައުޟޫއަށެވެ. މި މައުޟޫއަށް ވާހަކަ ދައްކަވާނީ އައްޝައިހް އިސްޙާޤް މުޙައްމަދުފުޅެވެ. މި ދަރުސްއޮންނާނީ 8:30ގައި އިސްލާމީ މަރުކަޒު މައިދާނުގައެވެ.