ތަރައްްޤީ

ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އަލުން ފަށަނީ!


ހދ.ކުޅުދުއްފުށި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އަންނަ އާދިއްތަދުވަހު އަލުން މަސައްކަތް ފަށާނެކަމަށް އެމްއާރްޑީސީން ބުނެފިއެވެ. 

އެމްއާރްޑީސީން މަޢުލޫމާތުދޭ ގޮތުގައި މަސައްކަތް މެދުކެނޑިފައިވަނީ ބައެއް މަސައްކަތް ކުރިއަށްގެންދިއުމުގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. ނަމަވެސް މިހާރު މައްސަލަ ޙައްލު ކޮށްފައިވާކަމަށާއި އާދިއްތަ ދުވަހު ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާކަމަށާ، ތާރު އެޅުމުގެ މަސައްކަތް ފަށާނީ މަސައްކަތް މެދުކަނޑާލިއިރު ކުރިއަށްގެންދިޔަ ކަނބޯރަނި ހިނގުމުންފެށިގެންކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ކުޅުދުއްފުށީގެ މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރެއްގައި ތަރައްޤީކުރުމުގެ މަޝްރޫޢުގެދަށުން 18 މަގެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އޮގަސްޓުމަހު ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާއިރު 18 މަގުގެ ތެރެއިން މިހާރުވަނީ 4 މަގުގައި ތާރުއެޅުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މީގެތެރޭގައި ހިމެނެނީ އެރަށު ފަނޑިޔާރު މަގާއި، މަރުކަޒުމަގާއި، މަގާން މަގުގެ އިތުރުން ނިކަގަސް މަގެވެ.

މަގުތަކުގެ މަސައްކަތް ނިމުމުން، ވިއްސާރަ މޫސުމުގައި ކުޅުއްދުއްފުށީ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލުވެގެންދާނެއެވެ. ކުޅުދުއްފުށި މަގުތައް ތާރުއަޅައިގެން ރަނގަޅުފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުއެކެވެ.