ޚަބަރު

"ނޮވެންބަރު ތިނަކާމެދު ވިސްނާ ޚާއިނުންނަށް ހުށިޔާރުވާންޖެހޭ"


ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ އެވަގުތު އެކަންފެނި އިހުސާސް ނުވާނަމަ މިއަދުގެ ޖީލަށް އެއީ ކިހާވަރެއްގެ ކަމެއްކަން އިހްސާސް ނުކުރެވޭނެކަމަށާއި، އެފަދަ ކޮންމެ ހާލަތަކަށް ޤައުމުދަނީ ޚާއިނުންގެ ބަޔަކު ޤައުމަށް ޣައްދާރުވެގެންކަން ވިސްނައި އެކަމަށް ހުށިޔާރުވާން ޖެހޭކަމަށް ލެފްޓިނެންޓް ކާނަލް ރިޓަޔަރޑް އިބްރާހީމް އަފްސަލް ވިދާޅުވެއްޖެއެވެ.

ނޮވެންބަރ ތިނެއްގެ އުދުވާނީ ހަމަލާގައި ކުރެވުނު ހަނދާނުން ފުހެލަން ދަތި ތަޖުރިބާ، އަސަރާއެކު ހިއްސާކުރައްވަމުން ސިފައިންގެ އިސްސަފުގައި އަދި ޚިދުމަތުގައި ގިނަ އަހަރުތަކެއް ހޭދަކޮށް މިހާރު ރިޓަޔަރ ކުރައްވާފައިވާ، ލެފްޓިނެންޓް ކާނަލް ރިޓަޔަޑް އިބްރާހީމް އަފްސަލް ވިދާޅުވީ، ދުޝްމަނުން ހަމަލާދޭން ފެށުމާއެކު ބަނޑޭރިކޮށިން އެޅި ސައިރަންއާއެކު ޚާއިނުންނާއި ދެކޮޅަށް ހަނގުރާމަކުރަން ތައްޔާރުވި ތައްޔާރުވުން ވެގެންދިޔައީ ސިފައިންގެ އެތައް ބޭކަލުންނެއްގެ ހަޔާތް ބަދަލުކޮށްލި ކަމަކަށެވެ. ސިފައިން ގެ އެކިއެކި ރޭންކުތަކުގެ އޮފިސަރުން އެދުވަހު ދެއްކީ ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާއެއްކަމަށާއި، އެދުވަހު ބާޣީން ބޭނުންކުރި ރޮކެޓްފަދަ ތަކެތި ނުގޮވާ ސިފައިންގެ ފާރުގައި ހަރުވުމާއި، އެމީހުން ދިން ވަރުގަދަ ހަމަލާތަކުން ދިވެހި ސިފައިންނާއި ރައްޔިތުން ސަލާމަތްވީ މާތްﷲ ގެ ކުޅަދުންވަންތަ ކަމުންކަމަށެވެ.

ނޮވެންބަރު ތިނެއްގެ ހާދިސާއަށް 29 އަހަރު ފުރި އެހަނދާންތައް ފަނޑުވަމުން ދިޔަނަމަވެސް އެއީ ދިވެހި ސިފައިންގެ ހިތްވަރާއި ސާބިތުކަން ފެނިގެންދިޔަ ދުވަހެއްކަން ފާހަގަކުރައްވަމުން އަފްސަލް ވިދާޅުވީ އެންމެ ކުރީއްސުރެ ދިވެހި ބަތަލުން ދައްކުވައިދީފައިވާ ހުށިޔާރުކަމަށް ހިތްވަރުލިބެނީ މުސްލިމުންގެ ގޮތުގައި އެއްބައެއްގެ ގޮތުގައި ދިވެހިން ދެމިތިބޭތީކަމަށެވެ. އޭނާގެ ވާހަކަފުޅުގައިވަނީ މީގެ ކުރިން ނޮވެންބަރު ތިނެއްގެ ހާދިސާއާ ގުޅޭގޮތުން އިވިފައި ނުވާ  ބައެއް ވާހަކަތަކެއްވެސް ހިއްސާކޮށްފައެވެ. 

އެދުވަސްވަރު ސިފައިންގެ ތެރޭގައި ތިއްބެވި އިސްބޭފުޅުންނަކީ ވިސްނުންތެރިކަމާއެކު އެމީހުންގެ ސިކުނޑީގައި ކަންކަން ބަހައްޓައިގެން ސިއްރު ހިފަހައްޓައި މިއަދު ސިފައިންގެ އިސްސަފުގައި ތިއްބެވި ވެރިން ތަމްރީނުކުރެއްވި ލީޑަރުންކަން އަފްސަލް ފާހަގަކުރެއްވި އެވެ. ސޯޝަލް މީޑިއާގެ އެކި އެކި ވަސީލަތްތަކުގައި ސިއްރުތައް ހާމަކުރަމުންދާ މިދުވަސްވަރު އެފަދަ ލީޑަރުންގެ ހިކުމަތުން އިބުރަތް ހާސިލްކުރަން ޖެހޭކަމަށް ކާނަލް ރިޓާޔަރޑް އަފްސަލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޤައުމީވަންތަކަން އާލާކޮށް ދިރުވުމުގެ މުހިއްމުކަމާއި، ޤައުމީ ސަލާމަތަށް އެންމެހާ ދިވެހިން އިހްތިރާމް ކުރަންޖެހޭކަން ލެފްޓިނެންޓް ކާނަލް ރިޓަޔަރޑް އިބްރާހީމް އަފްސަލް ފާހަގަކުރެއްވިއެވެ.