ޚަބަރު

މަތީ ފާހެއް އޮތަސް ވެރިކަމެއް ނުކުރެވޭނެ ވައްޓަފާޅި ހުންނަންވާނެ"


ރައްޔިތުންގެ ޙާލަތު ވަޒަންކުރަން އެނގިވަޑައިނުގަންނަވާ, ރައްޔިތުންނާ ބީރަށްޓެހި ބޭފުޅަކު ރައްޔިތުންގެ ވެރިކަމަށް އިސްކުރެވިއްޖެ ނަމަ އެކަމުން މިންޖުވުމުގެ މަސައްކަތް ރައްޔިތުން ފަށާނެކަމަށާ އަދި އެކަން ވަރަށް ކައިރި މާޒީއެއްގައި ދިވެހިރައްޔިތުން ތަޖުރިބާކޮށްފައިވާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ވެރިކަން ކުރެވޭނީ ވެރިކަން ކުރުމުގެ ވައްޓަފާޅި ހުންނަ މީހުންނަށް ކަމަށެވެ. ދުނިޔޭގެ ކިތަންމެ މޮޅު ޔުނިވާސިޓީއަކުން ކިޔަވައިގެން ކިތަންމެ މަތީ ފާހެއް ނަންގަވައިގެން ހުއްޓަސް ވެރިކަން ކުރުމުގެ ވައްޓަފާޅި ނެތްމީހަކަށް ވެރިކަން ނުކުރެވޭނެ ކަމަށް އަޒްލީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ޤައުމެއްގެ ވެރިކަން ކުރައްވާ މީހަކީ ރައްޔިތުންގެ ޙާލަތު ވަޒަން ކުރަން އެނގޭ މީހަކަށްވެސް ވާންޖެހޭނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

"ރައްޔިތުންގެ ޙާލަތު ވަޒަންކުރަން ނޭނގޭ ރައްޔިތުންގެ ކަންކަން ގާތުން ތަޖުރިބާ ނުކުރައްވާ އަދި ގައުމުގެ ޙާލަތާއި ޤާނޫނު އަސާސީއާ ޤައުމުގެ ދުސްތޫރު ރޭވިފައިވާގޮތް ރަނގަޅަށް ނޭނގޭ މާލިމީއަކަށް ޤައުމުގެ ވެރިކަން ހަވާލު ކުރުމަށް ރައްޔިތުން މިއަދަކު ބޭނުމެއް ނުވޭ،" ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

49 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ ޤައުމާ ރައްޔިތުންގެ ޙާލަތު އެނގޭ މީހަކު ޤައުމުގެ ވެރިކަމަށް އިސްކޮށްފިނަމަ އޭގެ ފައިދާ ރައްޔިތުންނަށް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ. ވެރިކަމަކީ ރައްޔިތުންގެ ކިބައިން އަންނަ އެއްޗަކަށްވާއިރު ރައްޔިތުން ޤައުމަށް އިންތިޚާބުކުރާ ވެރިއަކީ ރައްޔިތުންނާއި އެކީގައި އުޅޭ ރައްޔިތުންގެ ކަންކަން ތަޖުރިބާކޮށްފައިވާ ވެރިއަކަށްވާންޖެހޭނެކަމަށް އަޒްލީން ވިދާޅުވިއެވެ.

"އެބައެއްގެ ޙާލަތު ރަނގަޅަށް އެނގި ވަޒަންކުރަން އެނގޭ މީހަކަށް ޤައުމުގެ ވެރިކަން ކުރެވޭނެ ކަމަށް ރައީސް ޔާމީން ވަނީ ރައްޔިތުންނަށް ދައްކުވައިދީފައި،" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އަޒްލީންގެ ވާހަކަފުޅުގައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ކޮށްފައިވާ މުހިއްމު ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.