ޚަބަރު

"ނަޝީދުގެ ޢާއިލާއާކު ސައްލާ ކުރަން މައުމޫން ލަދުވެތިވާންޖެހޭ"


ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ ރާއްޖެއަށް ދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވި މީހުންގެ ޢާއިލީ މީހުންނާއެކު މިއަދު ސިޔާސީ ސައްލާ ކުރުމަށް އިންނަވަން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ލަދުވެތިވާން ޖެހިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ތިނެއް ނޮވެމްބަރުގެ ޙާދިސާއަކީ ނުވާ ކަމެއްކަމަށް، ދިވެހި ރައްޔިތުންނަށް ދެއްކުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުން އޭރު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި 2008ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްފަހު ވެރިކަމުން އިސްތިއުފާ ދެއްވުމާ ހަމައަށް ދިވެހިން އަބަދުވެސް ޒިކުރާ އާކުރަމުން ދިޔަ ނޮވެމްބަރު ތިނެއް ފަނޑުވަމުން ދިޔަކަމަށް ނިހާން ވިދާޅުވިއެވެ. ރައީސް މަޢުމޫން މީގެކުރިން ނޮވެމްބަރު ތިނަކާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކާއި މިހާރު ދައްކަވާ ވާހަކަތައް ދިމާނުވާ ކަމަށް ވިދާޅުވެ ނިހާން ވިދާޅުވީ ނޮވެމްބަރު ތިނަކަށް 29 އަހަރުވިއިރު ރައީސް މައުމޫނަށް މިއަދު ކެރިވަޑައިގަތީ ޓުވީޓެއް ކޮށްލަވަން ކަމަށެވެ.

"ކެނެރީގެ މުޙައްމަދު ނަޝީދާއި އޭނާއާ ގުޅުންހުރި މި ޖަހާލަތުގެ އަނދިރި އަމަލު ހިންގި މީހުންނާއި އެއްކޮށް އެއް ސައްލާއެއް ކުރަން އިންނަވަން ޖެހޭކަމީ ލަދުފުޅުގަންނަންޖެހޭ ކަމެއްކަން މިއީ ޝައްކެތް އޮތް ކަމެއް ނޫން. އަޅުގަނޑުމެންގެ މި ފަޚުރުވެރި ވަތަނަށްޓަކައި އަޅުގަނޑުމެން މި ވާހަކަ ކޮންމެތާކު އަޅުގަނޑުމެން ތަކުރާރު ކުރަން އެބަޖެހޭ،" ނިހާން ވިދާޅުވިއެވެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ނިހާން ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރެއްވި އެހެން ބޭފުޅުންނާއި ރައީސް ޢަބްދުﷲ ޔާމީނާ ބޮޑުތަފާތުތަކެއް އެބަހުރިކަމަށެވެ. އެމަނިކުފާނު 2013ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ފުރަތަމަ ބާބު ނަގާ ދެމެހެއްޓުމަށް ކަމަށާ، ގާނޫނު އަސާސީގައި ދިވެހިންގެ ދީން ކަމުގައި އިސްލާމްދީނާއި ދިވެހިންނަކީ މުސްލިމުން ކަމަށް ބުނެފައިވާ ގާނޫނު އަސާސީގެ 10ވަނަ މާއްދާ ރައީސް ޢަބްދުﷲ ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާތީ އެކަމާ އެމަނިކުފާނަށް ބަޔަކު މީހުން "ޖެއްސުން" ކުރަމުން އަންނަ ކަމަށް ނިހާން ވިދާޅުވިއެވެ.

"ރޭޑިއޯ ޚިތާބުތަކުގައި ހައްދުޖެހުމަށް އެހެން ގޮތެއް ހޯދުމަށް ނަޝީދު މަސައްކަތް ކުރި. އެއް ދީނަށްވުރެ ގިނަ ދީން ރާއްޖޭގައި ބޭއްވުމަށް ބޭނުންވި. އަބަދުމެ ހަމާގައި ދިވެހިން ތިބެން ނުޖެހޭނެ ކަމަށް ދިވެހިންނަށް ވިސްނައި ދޭން މަސައްކަތްކުރި. ގުރުއާނާ ހަދީޘް ނޫން އެހެން އޯލްޓަނޭޓިވް ނެރޭޓިވް އެއް ހޯދުމަށް މަސައްކަތް ކުރި. އިސްލާމް އަދި ދިވެހި މަޖުބޫރު ނޫން މާއްދާއެއް ގޮތުގައި ހެދުމަށް މަސައްކަތްކުރި،" ރައީސް ނަޝީދުގެ ވެރިކަމުގައި ކޮށްފައިވާ ބައެއް ކަންކަން ޙިއްސާ ކުރައްވަމުން ނިހާން ވިދާޅުވިއެވެ.