ޚަބަރު

ކުދިން ކުށުން ދުރުހެލިކުރަން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ


ކުޑަކުދިން ކުށްކުށަށް އަރައިގަން މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށާއި، އެކުދިން ކުށުން ދަފަރާ ކުރުމުގައި ވަކި ވަކި މުއައްސަސާތަކުން މަސައްކަތްކުރުމުގެ ބަދަލުގައި ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް ވިދާޅުވެއްޖެއެވެ.

ފުލުހުން އިންތިޒާމްކޮށްގެން ބޭއްވި، ކުޑަކުދިން ކުށުން ދަފަރާ ކުރުމުގެ ފުރަތަމަ ޤައުމީ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ވިދާޅުވީ، ކުދި ކުށްތަކާއި، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގައި ކުޑަކުދިން ޝާމިލުވަމުންދާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާކަމަށެވެ. މިއީ ކަން ބޮޑުވާންޖެހޭ އަދި މިކަމާމެދު ފުންކޮށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށާއި، ކުޑަކުދިން ކުށްތަކުގައި ޝާމިލުވުން ހުއްޓުވުމަށް ފުލުހުންނާއި ކަމާގުޅުން ހުރި މުއައްސަސާތައް ގުޅިގެން، ހަރުދަނާ އިޚްލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފާހަގަކުރައްވާފައެވެ.

"ކުޑަކުދިން ކުށުން ދަފަރާކުރުމަށް ކުރަމުންދާ މަސައްކަތުގައި ވަކިވަކި މުއައްސަސާއިން މަސައްކަތްކުރުމުގެ ބަދަލުގައި މުއައްސަސާތައް ގުޅިގެން މިހާރަށްވުރެ ހަރުދާނާ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ހިންގާ ޕްރޮގްރާމްތަކުގައި މުއައްސަސާތަކުގެ އެހީތެރިކަމާއި، އެއްބާރުލުމާއި، ގުޅިގެން މަސައްކަތް ކުރުންވެސް މުހިއްމު. ވަކި ބައެއްގެ މައްސަލައަކަށް ނުހަދައި، ވަކި ބަޔަކު ކުށްވެރިކުރުމުގެ ބަދަލުގައި ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމުކަމެއް" ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މަހާސިންތާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޔުނިސެފްގެ އިންޗާޖް ވިދާޅުވީ، ރާއްޖޭގައި ކުޑަކުދިން ކުށްކުށަށް އަރައިގަންނަ ނިސްބަތާއި ޝާމިލުވާ ކުށުގެ ބާވަތްތަކުގެ ސަބަބުން ކަންބޮޑުވާން ޖެހޭކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަންކުރުމާއި، މީހުން މެރުމުގެ އިތުރުން ތަފާތު މާރާމާރީތަކުގައި ކުދިން ޝަމިލުވުމަކީ ކަމާގުޅުންހުރި މުއައްސަސަތަކުން މިކަންކަމަށް ރިއާޔަތްކޮށް އިތުރަށް ވިސްނަން ޖެހިފައިވާ ކަމެއްކަން އޭނާ ފާހަގކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/15102382659322.jpg|ކުޑަކުދިން ކުށުން ދަފަރާ ކުރުމުގެ ފުރަތަމަ ޤައުމީ މަހާސިންތާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ކުޑަކުދިން ކުށުން ދަފަރާކުރުމުގެ ޤައުމީ މަހާސިންތާގައި ކުޑަކުދިން ކުށަށް އަރައިގަންނަ ނިސްބަތާއި ކުށުގެ ވެށީގައި ކުޑަކުދިން ޝާމިލްވާ މިންވަރާއި މުއައްސަސާތަކުންނާއި މުއައްސާތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކޮށްފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އެކްޝަން ޕްލޭންގެ ފުރަތަމަ ދެލިކޮޕީ ވަނީ އެކުލަވާލާފައެވެ. މިދެލިކޮޕީ، މަހާސިންތާގެ ބައިވެރިންވަނީ ކޮމިޝަނަރ އޮފް ޕޮލިސްއަށް އަރުވާފައެވެ.

ފުލުހުންގެ އިތުރުން ޖުވެނައިލް ކޯޓާއި، ޖެންޑަރ މިނިސްޓްރީއާއި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި މިކަމުގައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާއައްތްތައް ގުޅިގެން ކުރިއަށްގެންދިޔަ މިމަހާސިންތާއައި ގުޅޭގޮތުން ބައިވެރިން ބުނީ، ބައްދަލުވުމުގައި ކުރި މަޝްވަރާތަކުގެ އަލީގައި ހުރިހާ މުއައްސަސާތައް ގުޅިގެން ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމަށާއި، ދެއަހަރު ދުވަހަށް ބަހާލައިގެން ކުރެވޭނެ އެކަށީގެންވާ ކަންތައްތައްވެސް އެނގުނުކަމަށެވެ.

ފުލުހުންގެ އިސްނެންގެވުމުގެ މަތިން ޔުނިސެފްގެ އެހީތެރިކަމާއެކު 3 ދުވަހުގެ މުއްދަތައް ކުރުނބާ މޯލްޑިވްގައި ކުރިއަށްގެންދިޔަ މި މިހާސިންތާގައިވަނީ ކުޑަކުދިން ކުށަށް އަރައި ގަންނަ ނިސްބަތާއި ކުށުގެ ވެށީގައި ކުޑަކުދިން ޝާމިލްވާ މިންވަރާއި މުއައްސާތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.