ވިޔަފާރި

ރާއްޖެއިން ޔޫއޭއީއާއެކު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރަނީ


ދިވެހި ރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫ.އޭ.އީގެ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ޔޫ.އޭ.އީގެ އިކޮނޮމިކް މިނިސްޓަރ ސުލްޠާން ބިން ސަޢީދް އަލް މަންސޫރީގެ ޚާއްސަ ދަޢުވަތަކަށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ޔޫ.އޭ.އީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގައި ރާއްޖެއާއި ޔޫ.އޭ.އީއާއި ދެމެދު އޮންނަ އިޤްތިޞާދީގުޅުން މިހާރަށް ވުރެ ހަރުދަނާކޮށް، މި ގުޅުން އިތުރަށް ކުރިއަށްގެންދެވިދާނެ ދާއިރާތަކުން ދެ ޤައުމުގެ އިކޮނޮމިކް މިނިސްޓަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ "މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް"އާއި ގުޅޭގޮތުންވެސް ދެ ޤައުމުގެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ. 

ދެ ދުވަހުގެ މުއްދަތަކަށް ޔޫ.އޭ.އީއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިކޮނޮމިކް މިނިސްޓަރ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.