ޚަބަރު

މަތީދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ އިނާމު މިއަހަރު 24 ފަރާތަކަށް


މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު 23 ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް ދެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ. 

މިގޮތުން، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވަނީ 3 ބޭފުޅުންނެވެ. މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވަނީ 20 ބޭފުޅުންނެވެ. އަދި ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާފައިވާ އަމިއްލަ ޖަމްޢިއްޔާއެކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ސަރުކާރުން ދެއްވާ ބައެއް ޚާއްޞަ މެޑެލްވެސް މި ޖަލްސާގައި ދެއްވާނެއެވެ. އެގޮތުން މެޑެލް ދެއްވަނީ، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލު ކުރެއްވި 7 ބޭފުޅަކަށާއި، 2016 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި، މިއަހަރު ބޭއްވުނު މަތީޘާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި ދަރިވަރުންނަށެވެ. މީގެއިތުރުން، ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި ސްކައުޓުންނަށާއި، ޕްރެޒިޑެންޓް ގައިޑް ބެޖް ހާސިލުކުރި ގައިޑަށް އެ ޝަރަފު ދެއްވުންވެސް އޮންނާނެއެވެ.