ތިމާވެށި

ތިމާވެށި ހިމާޔަތްކުރުމުގައި ބައިވެރިވުމަށް ސަރުކާރުން އިސްކަންދޭ


ތިމާވެށި ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގެ އިތުރުން ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމަކީ ސަރުކާރުން ވަރަށްބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއްކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިހެން ވިދާޅުވީ، މޮންޓްރިއަލް ޕްރޮޓޮކޯލަށް ތިރީސް އަހަރު ފުރުމާ ގުޅިގެން ބޭއްވި "އޯޒޯން މޮޑެލް" މުބާރާތުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމް ދިނުމަށްޓަކައި ނެޝަނަލް އާޓްގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ، ދުނިޔެ ހޫނުވުމާއި އޯޒޯން ފަށަލަ ޙިމާޔަތް ކުރުމަށް ކުޑަ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ އަދާކުރަމުންދަނީ ނަމޫނާ ދައުރެއްކަމަށެވެ. ދިވެހިރާއްޖެއިން އަބަދުވެސް ދަނީ ތިމާވެށީގެ މައްސަލަ ތަކުގައި ބައިނަލްއަޤްވާމީ ޤައުމުތަކަށް ނަމޫނާ ދައްކަމުންކަމަށާއި، މިކަމުގައި އެންމެ އިސްކޮށް ވަކާލާތުކުރާ ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ހިމެނޭކަން މިނިސްޓަރު ޠާރިޤް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ތިމާވެށި ރައްކާތެރިކުރާ މުއާހަދާއެއްކަމަށްވާ "ކިގާލީ އެމެންޑްމެންޓް ޓްދަ މޮންޓެރިއަލް ޕްރޮޓޮކޯލް"ގައި ރާއްޖެ ބައިވެރިވުމަށް މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ، މިއީ ދުނިޔެ ހޫނުވުމާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ.

img:http://s2.psmnews.mv/images/660x400/15099595674179.jpg|"އޯޒޯން މޮޑެލް" މުބާރާތުން އެއްވަނަ ހޯދި ދަރިވަރުން / ފޮޓޯ: ޕީއެސްއެމް

މޮންޓްރިއަލް ޕްރޮޓޮކޯލް އަށް ތިރީސް އަހަރު ފުރުމާ ގުޅިގެން ބޭއްވި "އޯޒޯން މޮޑެލް މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުދިންނަށް އިނާމް ދެއްވީ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއެވެ. "އޯޒޯން މޮޑެލް ކޮމްޕެޓިޝަން" އަކީ ގްރޭޑް އެކަކުން ފެށިގެން ބާރަވަނަ ގްރޭޑްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ނޮވެމްބަރުމަހުގެ ސޯޅައިން އޮކްޓޯބަރުމަހުގެ ސޯޅަވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ތީމް ތަކަކީ އޯޒޯން ފަށަލަ ރައްކާތެރި ކުރާނެ ގޮތާއި  މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ދުނިޔެ ހޫނުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކެވެ. މި މުބާރާތުގެ އެއްވަނަ ދެވަނަ އަދި ތިންވަނަވެސް ހާސިލްކޮށްފައިވަނީ ޣާޒީ ސްކޫލުންނެވެ.

މުބާރާތުގެ އެއްވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ، ހުރިހާ ޚަރަދަކާއެކު ތައިލެންޑްގެ ބެންގކޮކް ދަތުރެޖެވެ. މި ދަތުރުގައި ޔޫ.އެން އެންވަޔަރަންމަންޓް ގެ އޯޒޯން އެކްޝަން އޮފީސް ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ.

ދެވަނަ އިނާމަކީ ރިޒޯޓް ދަތުރެކެވެ. މި ދަތުރުގައި އެ ރިޒޯޓެއްގެ އެއާ ކޮންޑިޝަން އަދި އާރޓް ރެފްރިޖެރޭޝަން ގެ ކަންތައްތައްތަކާއި އޭގެ ހާލަތު ބަލާލުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތިންވަނަ އިނާމަކީ މަސް ބަންދުކުރާ ފެކްޓްރީ އަކަށް ދިއުމުގެ ފުރުސަތެވެ. ފެލިވަރު މަސްބަންދުކުރާ ފެކްޓްރީއަށް ކުރާ މި ދަތުރުގައި އެ ފެކްޓްރީގެ އެއާ ކޮންޑިޝަން އަދި އާރޓް ރެފްރިޖެރޭޝަން ގެ ކަންތައްތައްތަކާއި އޭގެ ހާލަތު ބެލުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.