ތަރައްްޤީ

ހިންނަވަރުގައި ސާފު ބޯފެން ލިބޭނެ ނިޒާމެއް ޤާއިމްކޮށްފި


ޅ. ހިންނަވަރުގެ ރައްޔިތުންނަށް ޔަގީންކަމާއެކު ސާފު ފެން ލިބޭނެ ފެނުގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް، ޔޫއެސްއެއިޑުން ނިންމައިފިއެވެ.

މިހާރު ދިވެހި ސަރުކާރާއި ހަވާލުކޮށްފައިވާ ގުޅިފައިވާ ނިޒާމުގެ ތެރެއިން، ވާރޭ ފެން ރައްކާކުރުމަށްފަހު، އެފެނާއި ލޮނުފެނުން އުފައްދާފައިވާ މީރު ފެން އެއްކޮށްގެން، ފެނުގެ ނެޓްވާކެއްގެ ތެރެއިން 700 ގޭބީސީއަށް ފެން ފޯރުކޮށްދެވޭނެކަމަށް ޔޫއެސްއެއިޑުން މަޢުލޫމާތުދެއެވެ. ދިވެހިރާއްޖޭގެ ރަށްތަކަށް ދިމާވާ ފެނުގެ ދަތިކަން ހައްލުކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ތަސައްވުރު ކަމަށްވާ އިންޓެގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓްގެ މޮޑެލް ކުރިއަށް ގެންދިއުމަށް ޔޫއެސްއެއިޑުން ދަނީ އެހީތެރިވަމުންނެވެ.

ސްރީ ލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޔޫއެސްއެއިޑް މިޝަން ޑިރެކްޓަރ ޑރ. އެންޑްރޫ ސިސޯން ވިދާޅުވީ މިކަމުގެ ސަބަބުން ރައްކާތެރި ކޮލިޓީ ރަނގަޅު ބޯފެން ހުރިހާ އެންމެންނަށް ޔަގީންވާނެކަމަށެވެ. ގިނަ ގޭބީސީތަކުގައި ކޮންމެ ދުވަހަކު ފެނުގެ ކަންކަމަށް މިނިޒާމު ބޭނުންކުރާއިރު، އަނެއް ބައި ގޭބީސީތަކުގައި މިނިޒާމަކީ ބެކަޕް ނިޒާމެކެވެ. ހިންނަވަރު ރަށު ކައުންސިލްގެ މެމްބަރު އަހުމަދު އަނީޝް ވިދާޅުވީ ހިންވަރުގެ ރައްޔިތުންނާއި ކައުންސިލްގެ ނަމުގައި މިޕްރޮޖެކްޓް ކުރިއަށް ގެންދިޔަކަމަށްޓަކައި އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރާކަމަށެވެ.

މިނިޒާމުގައި ދުވާލަކު 80 ކިއުބިކް މީޓަރުގެ ފެން އުފެއްދޭ "ރިވާސް އޮސްމޯސިސް ޔުނިޓެއް" ހިމެނެއެވެ. މިޔުނިޓް ބެހެއްޓިފައިވާ ޢިމާރާތުގެ ހަކަތައިގެ ކަންކަމުގެ އެއްބައި ހަމަޖައްސަނީ އިރުގެ ހަކަތަ ބޭނުންކޮށްގެނެވެ. މީގެ އިތުރުން، ގްރައުންޑްވޯޓާ އިންފިލްޓްރޭޝަން ނިޒާމެއްގެ އެހީގައި ރައްކާނުކުރެވޭ ވާރޭ ފެން ރަށުގެ ފެން ފަށަލައަށް ފޮނުވާލެވި، މިކަމުގެ ސަބަބުން ފެން ފަށަލަ އިޔާދަވެއެވެ.

މިފެސިލިޓީގައި ގާއިމްކުރެވިފައިވާ ފެނުގެ ކޮލިޓީ ބަލާ ލެބޯޓަރީގެ އެހީގައި ހިންނަވަރުގެ އިތުރުން މިސަރަހައްދުގެ އެހެން ރަށްރަށަށް ބޭނުންވާ ފެނުގެ ކޮލިޓީ ދެނެގަތުމުގެ މަސައްކަތް ކުރެވޭނެކަމަށް ޔޫއެސްއެށުން މައުލޫމާތުދެއެވެ. ޔޫއެސްއެއިޑުން ހަރަދުކުރި މިނިޒާމް ގާއިމްކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޔުނޮޕްސްއާއި މިނިސްޓްރީ އޮފް އެންވާރަމަންޓް އެންޑް އެނާޖީއާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހިންނަވަރު ރަށު ކައުންސިލުން ގުޅިގެނެވެ.