ޚަބަރު

ޓެރަރިސްޓް ޙަމަލާއަކަށް އަބަދުވެސް އޮންނާނީ ތައްޔާރަށް


ދިވެހިރާއްޖެއަށް ޓެރަރިސްޓް ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތަކީ ތައްޔާރީ ޙާލަތެއްގައި އޮތުންކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބޭއްވި ބައްދަލުވުމެއްގައި، ޕީ.އެސް.އެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވުމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ދުނިޔޭގެ ވަސީލަތްތައް ގިނަ، އަސްކަރީގޮތުން ވަރުގަދަ ބޮޑެތި ޤައުމުތަކަށްވެސް ޓެރަރިޒަމްގެ ނުރައްކާ ކުރިމަތިވަމުންދާއިރު، މިފަދަ ކަންކަމުން ރާއްޖެ އިސްތިސްނާވެދާނެކަމަށް ބަލައިގެން ނުވާނެކަމަށެވެ. އެހެންކަމުން މިފަދަ ކަމެއް ކުރިމަތިވެދާނެކަމަށް ތައްޔާރީ ޙާލަތެއްގައި އޮތުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެއިން ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމުގެ ފިކުރުތައް ނައްތާލުމަކީ ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއްކަންތައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އެއަރޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކުރީވެސް، ދުނިޔޭގެ ބައެއް ޤައުމުތަކުގެ އެއަރޕޯޓްތަކަށް ހަމަލާދޭން މަސައްކަތް ކުރުމުން، ދިވެހިރާއްޖެއިންވެސް ތައްޔާރީ ޙާލަތެއްގައި އޮތުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓެރަރިޒަމާ ހައްދުފަހަނައަޅައިދިއުމުގެ ފިކުރުތައް ނައްތާލުމަށް ބޭރުގެ ބޮޑެތި ޤައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކުން އިންޓެލިޖެންސް މަޢުލޫމާތު އެއްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް ބައިނަލްއަޤްވާމީ ދުނިޔޭގައި ދިވެހިރާއްޖެއިން ގެންދަނީ އަޑު އުފުލަމުން. އެގޮތުން އދ. ފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ރާއްޖެއިން ގެންދަނީ މިފަދަ ކަންކަން ކުށްވެރިކޮށް ވާހަކަދައްކަމުންނެވެ.