ޚަބަރު

ނަސްރުގެ ދުވަހާއި ގުޅިގެން ޙާއްސަ ޕެނަލް ޑިސްކަޝަނެއް


ޕީއެސްއެމްއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކޮންމެ ހުކުރުދުވަހަކު ބާއްވަމުން އަންނަ ހުކުރުއުފާގެ ތެރެއިން ނަސްރުގެ ދުވަހާއި ގުޅިގެން ޙާއްސަ ޕެނަލް ޑިސްކަޝަންއެއް ބާއްވައިފިއެވެ.

ނަސްރުގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ މި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކާފައިވަނީ ނަޞްރުން ލިބޭ ޢިބްރަތްތަކާއިބެހޭ ގޮތުންނެވެ. މިޕެނަލް ޑިސްކަޝަންގައި މައުލޫމާތު ހިއްސާކުރެއްވީ މުޙައްމަދު ސަލީމް އާއި އައްޝައިޚް ހައިޘަމް މުޙައްމަދުއެވެ.

މި ޕެނަލްގައި ވާހަކަދައްކަވަމުން އައްޝައިޚް ހައިޘަމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ނަގާލަން ބަޔަކު ކުރާ ކޮންމެ ކަމެއްގައި، ދިވެހިންނަށް ނަސްރު ލިބިފައިވަނީ، ދިވެހިން އިސްލާމްދީންކަންމަތީ ދެމިތިބުމުގެ ސަބަބުންކަމަށެވެ. އަދި މާތްﷲ ގެ ހަޟްރަތުން އަޅުގަނޑުމެންނަށް ނަސްރު ލިބިގެންދާ ސަބަބާއި އެކަމުގެ ސިއްރު އަޅުގަނޑުމެން ހަނދާންކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން މުހައްމަދު ސަލީމް ވިދާޅުވީ، ދިވެހިންނަކީ އަމިއްލަ މިނިވަންކަންމަތީ ތިބުމަށް އަބަދުވެސް މަސައްކަތްކުރާ ބައެއްކަމަށެވެ. އަދި މިކަން ތާރީހުގެ އެކި ސަފްހާތަކުން ފެންނަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޕެނަލް ޑިސްކަޝަންގައި ދިވެހިންނަށް ދިމާވާ އެކި ކަންތައްތަކުގައި ދިވެހިން ނެރޭ ހިތްވަރާއި، ދިވެހި ޤައުމާއި އިސްލާމްދީނަށްޓަކައި ވާ ގުރުބާނީގެ މައްޗަށް ދެބޭފުޅުން ވާހަކަދައްވަކާފައިވެއެވެ. މި ޕެނަލް ޑިސްކަޝަން އަޑުއަހަން ގިނަ އަދަދެއްގެ އާއްމުންދިޔައެވެ.