ވިޔަފާރި

ވީހާވެސް ގިނައިން މަސްގަތުމަށް ކުންފުނިތަކަށް ދަނީ ބާރު އަޅަމުން


މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވެފައިވާތީ މަސްވެރިން ބާނާ މަސް ވިހާވެސް ގިނައިން ނެގުމަށް މަސްގަންނަ ކުންފުނިތަކަށް ބާރު އަޅަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުން ފެށިގެން ޑިސެމްބަރ މަހުގެ ނިލަޔަށް ފާހަގަވެފައިވަނީ ރާއްޖެއަށް އެންމެ މަސްވެރިކަން ރަނގަޅު ދުވަސްވަރުގެ ގޮތުގައެވެ. މިގޮތުން މިދުވަސްވަރު ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް މަސްވެރިކަން ވަނީ ރަނގަޅުވެފައެވެ. މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސްވެރިން ބާނާ މަސް ކޮންޓްރޯލްކޮށްގެން ނެގުމަކީ މަސްގަންނަ ކުންފުނިތަކުން މަދުންވަމަވެސް ކުރަމުން އަންނަ ކަމެކެވެ.

ނަމަވެސް މިއަހަރު މިފަދަ މައްސަލައެއް ދިމާނުވާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނިތަކަށް ބާރު އަޅަމުންދާކަމަށް ފިޝަރީން މިނިސްޓްރީން ބުނެއެވެ. މިފްކޯގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ސާޅީސް ހަ މިލިޔަން ރުފިޔާގެ ލޯނެއް ދީފައެވެ. މިފްކޯ އިން ބުނީ މި ލޯނު ބޭނުން ކުރާނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކާއި މަސްވެރިކަމުގެ ސިނާއަތު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަން ބޭނުންވާ ވަސީލަތްތައް ގަތުމަށް ކަމަށެވެ.  މީގެއިތުރުން މަސްވެރިންގެ އަތުން މިހާރަށް ވުރެ ގިނައިން މަސް ގަނެ، ރައްކާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވެސް އެކުންފުނިން ވަނީ ނިންމައިފައެވެ. ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސްގަނެ އެކްސްޕޯޓް ކުރަނީ މިފްކޯއާއި ހޮރައިޒަން ފިޝަރީޒުންނެވެ.