ޚަބަރު

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ސައިލެންޓް ޑްރިލެއް ބާއްވައިފި


ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ފަރާތުން ސައިލެންޓް ޑްރިލްއެއް ބާއްވައިފިއެވެ. 

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ފަރާތުން ބޭއްވި ސައިލެންޓް ޑްރިލް އޮތީ ޖުމްހޫރީ މައިދާނުގައެވެ. އެމްއެންޑީއެފްގެ ސައިލެންޓް ޑްރިލް އަދި މިއުޒިކަލް ޑްރިލްއަކީ ޢާންމުންގެ މެދުގައި މަގުބޫލު ޙަރަކާތެކެވެ. މި ޙަކަރާތް ބަލާލުމަށް ގިނަ ޢަދަދެއްގެ މީހުން ޖުމްހޫރީ މައިދާނަށް ޖަމާވިއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރުވެސް ބައިވެރިވެވަޑައިގެން މި ޙަރަކާތްވަނީ ބައްލަވާލައްވާފައެވެ. އަދި ނޮވެމްބަރ ތިނެއްގައި ޝަހީދުވި ސިފައިންނާ އާންމުންގެ ހަނދާން އާކުރުމުގެ ގޮތުން ސުކޫތެއް ގެނައެވެ.

img:http://s2.psmnews.mv/images/660x400/15097197671080.jpg|ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސައިލެންޓް ޑްރިލް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރވެސް ވަޑައިގެންނެވި / ފޮޓޯ: ޕީއެސްއެމް

އާންމުންގެ ބޮޑު ތަރުޙީބެއް ލިބުނު މި ސައިލެންޓް ޑްރިލް ކުރިއަށް އޮތް ދެ ދުވަހު ހުޅުމާލެއާއި ވިލިމާލޭގައިވެސް އޮންނާނެއެވެ.

ނަސްރުގެ ދުވަސް ނުވަތަ ނޮވެމްބަރ ތިނަކީ ރާއްޖޭގެ މަދު ބަޔަކު އަޑީގައި ތިބެގެން ދިވެހި ޣައްދާރުންގެ ބަޔަކު އިސްކޮށް ހަރަކާތްތެރިވެގެން ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް ( ޕްލޮޓް ) ޖަމާޢަތުގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ރާއްޖެ ގެނެސްގެން ދީފައިވާ ނުރައްކާތެރި ޢުދުވާނީ ހަމާލާއިން ރާއްޖެ ލިބުނު ނަސްރު ފާހަގަކުރާ ދުވަހަކެވެ. މި ހަމަލާގައި ދިވެހިރައްޔިތުންގެ ތެރެއިން 19 ބޭކަލަކު ޝަހީދުވެފައިވާއިރު އޭގެ ތެރެއިން 8 ބޭކަލުންނަކީ ސިފައިންގެ ބޭކަލުންނެވެ. އަނެއް 11 ބޭކަލުންނަކީ އާންމު ރައްޔިތުންނެވެ. މިހަމަލާއަކީ އޭރު ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމަށްޓަކައި ހިންގި ޢުދުވާނީ ހަމަލާއެކެވެ.

އެ ހާދިސާއަށް 29 އަހަރުވީރު އެ ދުވަހު ދިވެހިންނަށް ލިބުނު ނަސްރުގެ މަތިން ހަނދާންކޮށް ދިވެހިން އަންނަނީ އެކަން ފާހަގަކުރަމުންނެވެ.