ޚަބަރު

މިއަދަކީ ދިވެހިންނަށް ނަސްރު ލިބުނުތާ 29 އަހަރު ފުރުނު ދުވަސް


މިއަދަކީ މީގެ 29 އަހަރުކުރިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން، ދިވެހި ޚާއިނުންގެ މަދުބަޔަކާއި، ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކު ދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ސިފައިން ދިވެހި ޤައުމަށް ނަސްރުހޯދައިދިން ދިވެހިންގެ ނަސްރުގެދުވަހެވެ. އިސްލާމްދީނާއި، ދިވެހި ޤައުމުގެ ދުޝްމަނުންގެ ނުބައި ޙީލަތްތެރި ރޭވުން ނާކާމިޔާބުވެ ޙައްޤަށް ނަޞްރު ލިބުނުދުވަހެވެ.

ޤުދުރަތީ ރީތިކަމާއި އަމާންކަމުގެ ލާމަސީލު މިކުޑަ ކުޑަ ދިވެހިޤައުމަށް 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުގެ އިރު އުދަރެހުން އަރައިގެން އައީ ނުރައްކާތެރިކަމާއި ނާމާން ކަމުން ފުރިގެންވާ ދުވަހެއްގެ ގޮތުގައެވެ.

މި ދުވަހަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ދިވެހިން ކުރިމަތިލީ ދުވަހެވެ. ދިވެހިންގެ ޚާއިނުންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންގެ އެހީތެރިކަމާއި އެކު ރާއްޖޭގެ ވެރިރަށް ފުރަ މާލެއަށް އަރާ 19 ދިވެހިން ޝަހީދުކޮށްލާ ކުށެއްނެތް ދިވެހިންގެ ލޭ މި ބިމަށް އޮހޮރުވާލި ހިތާމަވެރި ދުވަހެވެ.

ކުށެއްނެތް 11 ދިވެހި ދަރީންނާއި، ދިވެހި ސިފައިންގެ ހިތްވަރުގަދަ 8 ބޭކަލުން ޝަހީދުވެ އެމައުސޫމު އަޚުންގެ ލޭގެ ކޯރުތައް ވެރިރަށް މާލޭގެ މަގުތަކުގައި ދެމިގެންދިޔައެވެ.

ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތަކާއި ގުޅިގެން ހިންގި މި ނުރައްކާތެރި ބަޣާވާތުގައި 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ ޢަދާވަތްތެރި ދުޝްމަނުންނެވެ. ބަޣާވާތުގައި ބައިވެރިވި ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޯޓް" ގެ 80 މީހުން ހިމެނުނެވެ. ޚާއިނުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމަޗަށް ގެންދިއުމަށްޓަކައެވެ.

މިފަދަކަމެއް ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވެފައި ނުވުމާއި، އެއްވެސް އިޝާރަތެއްވެސް ނުދީ ބާޣީން ހަމަލަދޭން ފެށުމާއެކު ދިވެހި ސިފައިން ބަލާކަށް ނުތިބެ ޤައުމާއި ރައްޔިތުންގެ ދިފާއުގައި ރައްދުގައި ވަގުތުން ހަމަލާދޭން ފެށިއެވެ. ގާތްގަޑަކަށް 18 ގަޑިއިރުވަންދެން ހިތްވަރާއެކު ދިވެހި ސިފައިން ބާޣީންނާއި ހަނގުރާމަ ކުރަމުން ގެންދިޔައީ އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެންނެވެ.

img:http://s1.psmnews.mv/images/660x400/15096845615880.jpg|ޝަހީދު ޙުސައިން އާދަމް-

ދުޝްމަނުންގެ ބަޑީގެ ވަޒަންތަކުން ބައެއް ދިވެހި ސިފައިން ޝަހީދުވަމުން ދިޔަނަމަވެސް، ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ދިވެހި ސިފައިން ދެމިތިއްބެވެ. ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމަކުން ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށް ތިބި ނަމަވެސް ދިވެހި ސަރުކާރުން އަސްކަރީ އެހީއަށް އެދުނީ އަވައްޓެރި އިންޑިޔާ ސަރުކާރުގެ ކިބައިންނެވެ. މިއާއެކު ދާދި އަވަހަށް އިންޑިޔާ ސަރުކާރުގެ އަސްކަރީ އެހީ ރާއްޖެއަށް ލިބުނެވެ. ލަންކާގެ ކުލީސިފައިން ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ޙަމާލާދޭން ފެށިތާ 17 ވަރަކަށް ގަޑިއިރުގެ ތެރޭގައި އިންޑިޔާ ސިފައިންގެ 1600 މީހުން ހިމެނޭ ފައުޖެއް ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށިއެވެ.

img:http://s1.psmnews.mv/images/660x400/15096847967622.jpg|3 ނޮވެމްބަރ 1988ގައި ސިފައިންގެއަށް ދިން ހަމަލާތައް ފެންނަ ފޮޓޯއެއް-

އޭރު ދިވެހި ސިފައިންގެ ބަދަހި ސަފުތަކުންވަނީ ބާޣީ ސިފައިން ފަހަތައްޖައްސައި، ހަމަލާތައް ދިނުން މައިތިރިކުރުވާފައެވެ. ބާޣީންގެ ތެރެއިން މަރުނުވެ ތިބިމީހުން މާލޭގެ ބަނދަރުގައި އޮތް މުދާ އުފުލާ ބޯޓެއްކަމުގައިވާ "ޕްރޮގްރެސް ލައިޓް" ގައި ރަހީނުންގެ ގޮތުގައި އެތަކެއް ދިވެހީން ގޮވައިގެން ދަނިކޮށް އެމީހުން އަތުލައިގަތީ އިންޑިޔާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރަކުންނެވެ. ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ތިބި "ޕްރޮގްރެސް ލައިޓް" އިންޑިޔާ ސިފައިން އަތުލައިގަންއިރު ރަހީނުންގެ ގޮތުގައި ގެންދިޔަ ބައެއް ދިވެހީން ވަނީ ޝަހީދުކޮށްފައެވެ. މި އުދުވާނީ ހަމަލާގައި ޖުމުލަ ނަވާރަ ދިވެހިން ޝަހީދުކޮށްލައި، ސިފައިންގެ މަރުކަޒްތަކާއި ސަރުކާރުގެ ބައެއް އިމާރާތްތަކަށް ގެއްލުންތައްދީފައިވެއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ޢުދުވާނީ ޙަމަލާގައި ދިވެހި ސިފައިންނާއި މާލޭގެ ރައްޔިތުން ދެއްކި ހިތްވަރާއެކު، ރަށްރަށުގެ ރައްޔިތުން ކުރި ދުވާ އިޖާބަކުރައްވައި ޚާއިނުންގެ މައްޗަށް ދިވެހި ސިފައިންނާއި ދިވެހި އެންމެހާ ރައްޔިތުން ނަސްރު ލިބިގެން ދިޔައެވެ. ދިވެހި ތާރީޚުގައިވެސް ބިރުވެރިކަމާއި އަނދިރިކަމާ ނާމާންކަމުން ފުރިގެންވާ ދުވަހެއްގެ ގޮތުގައި ފަވާލާފައިވާ މިދުވަސް ދިވެހިންގެ ނަސްރުގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވާ ސަރުކާރުން މިދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަން ފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.