ޚަބަރު

ބޭރުގެ ނުފޫޒުގެ ދަށަށް ދިވެހި ޤައުމު ދިޔަދީގެން ނުވާނެ- ރައީސް


ދިވެހި ޤައުމުގެ ސަރަޙައްދުގެ ކިތަންމެ ކުޑަ މިންވަރެއްވެސް، ބޭރު ބައެއްގެ ނުފޫޒުގެ ދަށަށް، ކުޑަ ހިނދުކޮޅަކަށްނަމަވެސް ދިޔަނުދެއްވުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ، ދިވެހި ތާރީޚުގައި ކަޅުއަކުރުން ފެވިފައިވާ، ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލައިގެ ނުރައްކާތެރި ބިރުވެރި ހާދިސާގައި ދުޝްމަނުންނަށް ނާކާމިޔާބުވުމުގެ އެންމެބޮޑު ސަބަބަކީ، އެދުވަހު ރާއްޖޭގެ ހުރިހާ ރައްޔިތުން ސާބިތުކޮށްދެއްވި އެއްބައިވަންތަކަމާއި ވެރިންނަށް ކިޔަމަންތެރިވުންކަން ފާހަގަކުރައްވާފައެވެ. އަދި އެ ޢުދުވާނީ ޙަމަލާ ހިނގިއިރު، ސިފައިންގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެދުވަހު ދެއްކެވި ސާބިތުކަމަކީވެސް އެދުވަހު ދުޝްމަނުންނަށް ނާކާމިޔާބު ލިބުނު އެއް ސަބަބުކަން ފާހަގަކުރައްވާ ރައީސްގެ ޚިޠާތުބައި އެބޭފުޅުން އެދުވަހު ކުރެއްވި މަސައްކަތްޕުޅުތަކުގެ މަތިން ހަނދާންކޮށް، ޝުކުރު ދަންނަވާފައިވެއެވެ. އަދި އެ ޢުދުވާނުން ސަލާމަތްވުމަށްޓަކައި ދިވެހި ސިފައިން ދެއްކެވި ހަރުދަނާ އިޚްލާޞްތެރި ނަމޫނާއިން ހިތްވަރު ލިބިގަނެ، ޤައުމު ދިފާޢުކުރުމުގެ ޢަޒުމުގައި ސާބިތުވެ ތިއްބެވުމަށް ރައީސް ވަނީ ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ރައީސްގެ ޚިޠާބުގައި، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާ ރޭވުމުގެ އަޑީގައި ތިބީ ދިވެހިޤައުމަށް ޣައްދާރުވި ދިވެހިންގެ މަދު ބައެއްކަން ފާހަގަކުރައްވާ، މިއަދުވެސް އެފަދަ ޣައްދާރުން ދިވެހިންގެ ތެރޭގައި ތިބިކަން ދަންނަން ޖެހޭކަމަށް ވިދާޅުވެފައިވެއެވެ. އަދި ޤައުމުގެ ދުޝްމަނުން، ޤައުމުގެ އެތެރެއިންނާއި ބޭރުން، މިހާރުވެސް ކުރިމަތި ކުރުވަމުން ގެންދަނީ ވަކި ނުރައްކާތެރިކަންކުޑަ ޢުދުވާނުތަކެއް ނޫންކަމަށާ، އެފަދަ ޢުދުވާނުތަކުގެ ފޮރުވިފައިވާ ސިއްރަކީ، އެބައެއްގެ އަމިއްލަ އެދުންތައް ޙާޞިލުކުރުމަށް، ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމާއި، ޤައުމުގެ ވެރިކަން ހޯދުމަށް އެކިގޮތްގޮތުން ކުރަމުންދާ މަސައްކަތް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން، މިއަދުވެސް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ސާބިތުކޮށްދެއްވަން ޖެހެނީ، ވަރަށް ވަރުގަދަ ޤައުމީ އެއްބައިވަންތަ ކަމަކާއި ކިޔަމަންތެރި ކަމެއްކަމަށް ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހި ޤައުމުގެ ސަރަޙައްދުގެ ކިތަންމެ ކުޑަ މިންވަރެއްވެސް، ބޭރު ބައެއްގެ ނުފޫޒުގެ ދަށަށް، ކުޑަ ހިނދުކޮޅަކަށްނަމަވެސް ދިޔަނުދެއްވުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށް ރައީސް ވަނީ ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ރައީސްގެ ޚިޠާބުގައި، ނޮވެންބަރު 3 ފަދަ ނުރައްކާތެރި ދުވަހެއް ދެން މި ޤައުމަށް ކުރިމަތިވިޔަ ނުދިނުމަށް ވިސްނައި ތައްޔާރުވެ، ނުގުޑާފަދަ ވަރުގަދަ ޢަޒުމެއްގައި ސާބިތުވެ ތިބުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައިވެއެވެ. އަދި އެކަން ކުރެވޭނީ، ޤައުމުދެކެ ލޯބިވުމުގެ ރޫޙު އާލާކޮށް، އިޚްލާޞްތެރިކަމުގެ ރޫޙު ދަމަހައްޓައިގެންކަމަށްވެސް ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ނަޞްރުގެ އުފަލާއި ހިތްހަމަޖެހުމުގައި ތިއްބެވި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.