ޚަބަރު

ޓެރަރިޒަމް ނައްތާލުމާގުޅޭ ޚާއްޞަ އުސޫލުތަކެއް ނެރެފި


ދިވެހިރާއްޖޭގައި ޓެރަރިޒަމާއި ހައްދު ފަހަނައަޅައިދިއުން ނައްތާލުމަށް ދައުލަތުގެ މުއައްސަސާތަކާއި، ޢާންމުން ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ނެރެފިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ނެރުނު މި ސްޓްރެޖީ އިފްތިތާހް ކޮށްދެއްވީ ކޯސްޓްގާޑް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ. މިއީ އެމް.އެން.ޑީ.އެފާއި، ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ތަޖުރިބާކާރުންގެ ލަފަޔާއެކު އެކުލަވާލާފައިވާ ސްޓްރެޓެޖީއެއްކަމަށް އެސެންޓަރުން މަޢުލޫމާތުދެއެވެ.

މި ސްޓްރެޓެޖީ ނެރެދެއްވުމަށްފަހު ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، މި ސްޓްރެޓެޖީއަކީ، ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުން ރާއްޖެއިން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދިޔަ ބޮޑުކުރިއެރުމެއްކަމަށެވެ. އަދި މި ސްޓްރެޓެޖީއާއެކު މި މަސައްކަތަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓެރަރިޒަމާއި ހައްދު ފަހަނައަޅައިދިއުމާ ދެކޮޅަށް ބައިނަލްއަޤްވާމީ އެކިފަރާތްތަކުން އިންޓެލިޖެންސް އެއް ކުރަމުންދާކަމަށާއި، ބައިނަލްއަޤްވާމީ މުޖުތަމައާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަސައްކަތާއެކު ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުން ނައްތާލުމަށް ރާއްޖެއިން ކުރާ މަސައްކަތް ބައިނަލްއަޤްވާމީ މުޖުތަމައު ބަލައިގަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ފިކުރުތައް ފެތުރިފައިވާ މިންވަރު ދެނެގަނެ، ރުބްރިކެއް ތަރައްޔާރުކޮށްފައިވާކަމަށެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމުގެ ފިކުރުތައް ރާއްޖޭގައި ހުރި މިންވަރު އަންގައިދޭ ތަފާސްހިސާބުތައް ވަރަށް އަވަހަށް ޢާންމުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުން ރާއްޖެއިން ނައްތާލުމަށް ބޭނުންވަނީ އިޖްތިމާއީ ޙައްލެއްކަމަށެވެ. މިކަމުގައި ޢާންމުރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.

ރާއްޖެއިން ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުން ނައްތާލުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ޤާއިމުކުރެއްވި ރައީސް ޢަބްދުﷲ ޔާމީންއެވެ.