ޚަބަރު

ވަންދޫ ކުނިމެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ފަށަން ތައްޔާރުވެފައި


ރ އަތޮޅު ވަންދޫގައި ޤާއިމްކޮށްފައިވާ ކުނި މެނޭޖުކުރުމުގެ މައި މަރުކަޒުގެ މަސައްކަތް ފެށުމަށް ބޭނުންވާ އިކުއިޕްމަންޓްތައް ހޯދާ އިންސްޓޯލްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އެންވައިރަމަންޓް މިނިސްޓްރީން ބުނެފިއެވެ.  

7 ޒޯނަށް ބަހާލައިގެން ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މި މަސައްކަތް އެންމެ ބާރަށް ކުރިއަށްދަނީ ރ އަތޮޅު ހިމެނޭ ޒޯން ދޭއްގައެވެ. ރ އަތޮޅުގެ އިތުރުން ޒޯން ދޭއްގައި ހިމެނެނީ ނ އަތޮޅާއި ބ އަތޮޅާއި ޅ އަތޮޅު. މި ޒޯންގައި ހިމެނޭ 44 ރަށުގަ ރަށުފެންވަރުގައި ކުނި މެނޭޖުކުރުމަށް އަޅާ ކުނި ކޮށިތަކުގެ މަސައްކަތް ނިމިފައިވާއިރު، އެކަމަށް ބޭނުންވާ ވަސީލަތްތައްވެސް މިނިސްޓްރީން ގެންދަނީ ފޯރުކޮށްދެމުންނެވެ. 

މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި ވެމްކޯއިން މިހާރުވަނީ ރަށު ފެންވަރުގައި ނައްތާލާ ކުނިން ބާކީވާ މިންވަރު، ރީޖަނަލް ވޭސްޓް ސެންޓަރަށް ގެންގޮސް ނައްތަލުމަށް ވާންޖެހޭ ތައްޔާރީތައް ވެފައެވެ. އެގޮތުން ކުނި ނައްތާލާ މެޝިންތަކުގެ ޓެސްޓް ރަންތައް ކުރުމާއި، އެކަމަށް ބޭނުންވާ ކަނޑު އުޅަނދުތައްވެސް މިހާރު ލިބިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. 

އެންވައިރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވީ ގިނަ ރަށްރަށަށް ދިމާވަނީ، މަސައްކަތް އަލަށް ފަށައިގަތުމުގައި ދިމާވާ މައްސަލަތައްކަމަށެވެ. 

ރަށްރަށުގެ ކައުންސިލްތަކުން ފާހަގަކުރާ ގޮތުގައި، އެ ރަށްރަށުގައި ކުނި މެނޭޖްކުރަން ފެށުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އެކަމަށް ބޭނުންވާ އުޅަނދުތައް ނެތުމާއި ބަޖެޓު ލިބުމުގައި ދިމާވާ ދަތިތަކެވެ. އޭދަފުށީގައި ކުރިއަށްދާ ސާފުރާއްޖެ މަހާސިންތާގައި މިކަންކަން ޙައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލްތަކާއި، މިނިސްޓްރީއާއި ގުޅިގެން ދަނީ މަޝްވަރާ ކުރަމުންނެވެ.

ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ ޕްލޭންގެ ދަށުން ވަންދޫ އަށް އުފުލާނީ ދަގަނޑާއި ބިއްލޫރިފަދަ ރަށު ފެންވަރުގައި ނައްތާލުމަށް ދަތިވާ ކުންޏެވެ. އަދި ރަށްރަށުގައި ކާދު ހެދުމަށްފަހު ބާކީވާ ބަޔޯޑިގްރޭޑަބަލް ކުނިވެސް އެ ސެންޓަރަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.