ޚަބަރު

ފޮޓޯ ބުކް ޕްރިންޓްކުރުން އެމް ސެވަންއާ ހަވާލުކޮށްފި


ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ޕިކް މޯލްޑިވްސް އިން ނެރޭ ފޮޓޯ ބުކް ޕްރިންޓްކުރުމަށް އެމް ސެވަން ޕްރިންޓާ ޙަވާލުކޮށްފިއެވެ.

މިކަމާބެހޭ އެއްބަސްވުމުގައި ޕިކް މޯލްޑިވްސްއާއި، އެމްސެވަން ޕްރިންޓާ ދެމެދު މިއަދުވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ޕިކް މޯލްޑިވްސްގެ ފައުންޑަރ ރިޢާޔަތު ޢަބްދުލްމަޖީދު ވިދާޅުވީ، މި ފޮޓޯބުކް ޕްރިންޓްކުރުމަށް ހަމަޖެހިފައިވަނީ ސުވެނިއަރ ކޮލިޓީގައި، ދިގުމުއްދަތަކަށް ބޭނުންކުރެވޭގޮތަށްކަމަށެވެ. 

މި ފޮޓޯ ބުކްއަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ނެރޭ ފޮތަކަށް ވުމާއެކު، ރާއްޖޭގެ ޕްރިންޓަރަކާ މިމަސައްކަތް ހަވާލުކުރީކަމަށާއި، އެމް.ސެވަންއަކީ ބައިނަލްއަޤްވާމީ ފެންވަރަށް މިމަސައްކަތް ކުރަމުންދާ ކުންފުންޏެއްކަން ރިޢާޔަތު ފާހަގަކުރެއްވިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން އެމް.ސެވަން ޕްރިންޓްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ، ޕިކް މޯލްޑިވްސްގެ ފޮޓޯބުކް އެންމެ ފުރިހަމަ ކޮލިޓީގައި ޕްރިންޓް ކުރާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. އަދި ވަސީލަތްތަކާއި، ޖާގަ ލިބިއްޖެނަމަ އެމްސެވަން އިން ރާއްޖޭގެ ޕްރިންޓިން ދާއިރާ އިތުރަށް ފުޅާކޮށް، މިދާއިރާއިން މީހުން ތަމްރީންކޮށް، ވަޒީފާގެ އިތުރު ފުރުޞަތުތައް ހުޅުވާލުމަށް ތައްޔާރަށްއޮތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކުންފުނިން ޚިދުމަތް ދެމުންގެންދަނީ ބައިނަލްއަޤްވާމީ ސްޓޭންޑާރޑްތަކަށް ފައްތައިގެންކަމަށް އެމްސެވަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ޕިކް މޯލްޑިވްސްއިން ނެރޭ ފޮޓޯބުކްގެ މީޑިއާ ޕާރޓްނަރަކީ ޕީ.އެސް.އެމްގެ މޯލްޑިވްސް ޓީވީއެވެ. މި ފޮޓޯބުކްއަކީ ރާއްޖޭގެ ރީތި މަންޒަރުތަކާއި، ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިން ރާއްޖެއާ ގުޅޭގޮތުން ލިޔެފައިވާ ލިޔުންތައް ހިމަނައިގެން ދުނިޔޭގެ 15 ޤައުމެއްގައި ނެރުމަށް ހަމަޖެހިފައިވާ ޕަބްލިކޭޝަނެކެވެ. މި ފޮތަށް ކިޔަނީ ޕިކް މޯލްޑިވްސް ޕިކްޗަރ ސްޓޯރީ ބުކް ކަމަށް ޕިކް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.