ޚަބަރު

މަޝްރޫޢުތައް ހިންގުމުގައި މޫސުމީ ބަދަލުތަކަށް ރިޔާއަތް ކުރަންޖެހޭ


ދައުލަތުން ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި މޫސުމަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، އެކަމުންލިބޭ ގެއްލުން ކުޑަކުރެވޭނެގޮތަށް ކަންކަން އިންތިޒާމްކުރުމަށް، ހުރިހާ މުއައްސަސާތަކުން ޚާއްސަ އިސްކަމެއްދޭންޖެހޭކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤައުމީ މަންސަ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިސްނެންގެވުމާއިއެކު، މިއަދު ކުރުނބާ މޯލްޑިވްސްގައި ފެށި "ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤައުމީ މަންސަ" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު، ރާއްޖެއަށް ކުރިމަތިވާ ހާދިސާތައްވެސް އިތުރުވަމުންއަންނަކަމަށެވެ. އެގޮތުން ރާއްޖެއަށް ވިއްސާރަކުރާ ދުވަސްވަރު ބަދަލުވެ، ކުއްލިއަކަށް އިހުސާސް ކޮށްލެވޭވަރުގެ ބޮޑެތި ބަދަލުތަކެއް މޫސުމަށް އައިސްފައިވާ ކަމުގެ އެތައް ހާދިސާއެއް މިވީ ތިންއަހަރެއްހާ ދުވަހުގެ ތެރޭގައި ކުރިމަތިވެފައިވާކަމަށެވެ. ބައެއް ރަށްރަށަށް ކުއްލިއަކަށް ބޯކޮށްވާރޭވެހި ފެން ބޮޑުވުމުގެ ހާދިސާތައް ދިމާވާއިރު، މިއަހަރުގެތެރޭ އެކަނިވެސް ރާއްޖޭގެ 3 ރަށަކަށް ނަގޫރޯޅިއަރައި، 51 ގެއަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހަލުވި ކަމާއެކު ކުރިއަށްދާއިރު، ދެމެހެއްޓެނިވި ތަރައްޤީއާއި ކާރިސީ ކަންކަން އިންތިޒާމުކުރުމާއި ގުޅިފައިވާ މިންވަރު ދެނެގަތުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ކާރިސާގެ ކަންތައްތަކަށް ދުރާލާ އިޖާބަދިނުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ކާރިސާތަކަށް އިޖާބަދިނުމަށް ބެނުންވާނެ ވަސީލާތްތައް ދާއިމީ ގޮތެއްގައި ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ ގިނަ އަދަދެއްގެ ސާމާނު މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސިފައިންގެ މަރުކަޒުތަކަށް ވަރަށް އަވަހަށް ފޮނުއްވާނެކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ކާރިސާތަކަށް ފުރަތަމަ އިޖާބަދޭ ފަރާތްތަކުން ކުރާ މަސައްކަތް އަވަސްވެ، މަސައްކަތް ރަނގަޅަށް އިންތިޒާމް ކުރެވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވުމާއެކު، ދެމެހެއްޓެނިވި ތަރައްޤީއާ ކާރިސީ ހިރާސް ކުޑަކުރުމުގެ އަސާސްތަކާއި ގުޅުވުމަކީ އިސްކަންދޭން ޖެހިފައިވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.