ޚަބަރު

ކުރީގެ ނޫޓްތަކުން ނުލިބި ހުރީ 163 މިލިއަން ރުފިޔާ- އެމްއެމްއޭ


ހުސްވި އަހަރުގެ އޮގަސްޓްމަހުން ފެށިގެން ރާއްޖޭގެ ލީގަލް ޓެންޑަރގެ ގޮތުގައި ބޭނުންކުރުން ހުއްޓާލާފައިވާ ކުރީގެ ފައިސާގެ ނޫޓުތަކުގެ ތެރެއިން މިހާރު ނުލިބި ހުރީ 163 މިލިއަން ރުފިޔާކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެގޮތުން މިމަހުގެ ނަވާރަވަނަ ދުވަހުގެ ނިޔަލަށް، ކުރީގެ ނޫޓުތަކުގެ ތެރެއިން ދެހާސް ހަތްސަތޭކަ ތިރީސްއަށް މިލިއަން ރުފިޔާ އެމްއެމްއޭއިން ވަނީ ނަގާފައެވެ. 

މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ސައްބީސްވަނަ ދުވަހު ރަންދިހަ ފެހެއްގެ އާ ނޫޓުތައް ބޭނުންކުރަން ފެށިއިރު، ކުރިން ބޭނުންކުރަމުން ގެންދިޔަ ނޫޓުގެ ދެހާސް ނުވަސްތޭކަ އެއް މިލިއަން ރުފިޔާ، އިޤްތިޞާދުގައި ދައުރުވަމުން ދިޔައެވެ. އެހެން ނަމަވެސް މިހާރު އޭގެތެރެއިން ދެހާސް ހަތްސަތޭކަ ތިރީސްއަށް މިލިއަން ރުފިޔާ އެމްއެމްއޭއިން ވަނީ ނަގާފައެވެ. އަދި ބާކީ ނުލިބި ހުރީ ސަތޭކަ ފަސްދޮޅަސް ތިން މިލިއަން ރުފިޔާކަމަށް އެމްއެމްއޭއިން ބުނެއެވެ. މިއީ ކުރިން ބޭނުންކުރަމުން ދިޔަ ނޫޓުތްކުގެ ޖުމްލަ އަދަދުގެ ފަހެއް ޕޮއިންޓް ހައެއް އިންސައްތައެވެ.

ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ރުފިޔާގެ ތެރެއިން، 2015 އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުގެ ކުރިން ނެރުއްވާފައިވާ 2 ރުފިޔާ، 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ އަދި 500 ރުފިޔާގެ ހުރިހާ ކަރުދާސް ނޫޓުތަކަކީ، ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ނޫންކަމަށް ކަނޑައަޅުއްވާފައި ވަނީ ހުސްވި އަހަރުގެ އޮގަސްޓްމަހުއެވެ.

މީގެއިތުރުން މިއަހަރުގެ އޮގަސްޓްމަހުގެ ދިހަވަނަ ދުވަހު ރަންދިހަފަހެއް ނޫޓު ސީރީޒްގެ ފަސް ރުފިޔާގެ ނޫޓު ބޭނުންކުރަން ފަށާފައިވާއިރު، ކުރީގެ ފަސްރުފިޔާގެ ނޫޓުގެ ފަންސަވީސް މިލިއަން ރުފިޔާ، އިޤްތިޞާދުގައި ދައުރުވަމުން ދިޔަކަމަށް އެމްއެމްއީން ހާމަކުރެއެވެ. އެހެންނަމަވެސް މިމަހުގެ ނަވާރަވަނަ ދުވަހުގެ ނިޔަލަށް އޭގެ ތެރެއިން ތިން މިލިއަން ރުފިޔާ އެމްއެމްއޭއިން ވަނީ ނަގާފައެވެ. އަދި ބާކީ ނުލިބިވަނީ ބާވީސް މިލިއަން ރުފިޔާކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

މިއަހަރުގެ ޑިސެމްބަރުމަހުގެ އެއްތިރީހުގެ ނިޔަލަށް ކުރީގެ ފަސް ރުފިޔާގެ ނޫޓު ބޭނުންކުރެވޭނެއެވެ. އަދި ދެހާސް އެކާވީސް ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކުރީގެ ނޫޓުތައް އެމްއެމްއޭއިން ބަދަލުކޮށްދޭނެ ކަމަށްވެސް އެމްއެމްއީން ބުނެއެވެ.