ސްރީލަންކާގައި އުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ފަންނީ ކޯސްތަކެއް ފެށުމަށް ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ނިންމައިފިއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން މަޢުލޫމާތުދޭ ގޮތުގައި މިކޯސްތައް ހިންގާނީ އެމްބަސީގެ ދަށުން ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ، އެމްއީސީސީންނެވެ. މިގޮތުން ފުރަތަމަ ބުރުގައި ކޭކު އަޅަން ދަސްކޮށްދިނުމާއި، ފެހުމާއި، ކަށުކަމާކެމިކަމާއި، ސިންގަޅަ އަދި ތަމަޅަ ބަސް ލިޔަން ކިޔަން އަދި ވާހަކަދައްކަން ދަސްކޮށްދޭ ކޯސްތައް ހިންގެވުމަށް ނިންމާފައިވާކަމަށް އެމްބަސީން މަޢުލޫމާތުދެއެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރު، މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ މި ކޯސްތައް ހިންގުމަށް އެމްބަސީއިން ނިންމެވީ ސްރީލަންކާގައި އުޅޭ ގިނަ އަދަދެއްގެ ދިވެހިންނާ މަޝްވަރާ ކުރެއްވުމަށްފަހުކަމަށެވެ. ސަފީރު ވިދާޅުވި ގޮތުގައި މިކޯސްތަކުގެ މަޤްސަދަކީ ސޯސަންވިލާއަށް އިސްލާމް، ދިވެހި އަދި ޤުރުއާން ކިޔެވުމަށް އަންނަ ކުދިންގެ ބެލެނިވެރިން އެކުދިންގެ ކްލާސްތަކުގެ ވަގުތުތަކުގައި ބެލެނިވެރިންނަށްވެސް ފައިދާހުރި މަސައްކަތެއް ދަސްކޮށްދިނުންކަމަށެވެ. މީގެ އިތުރުން ސިންގަޅަ އަދި ތަމަޅަ ލިޔަން ކިޔަން އަދި ވާހަކަދައްކަން ދަސްކޮށްދޭ ކޯހެއް ހިންގުމުގެ ސަބަބުން ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމަށް ސަފީރު ދެކެވަޑައިގެންނަވައެވެ.
img:http://s3.psmnews.mv/images/660x400/15091771621318.jpg|ލަންކާގައި ދިރިއުޅޭ ދިވެހިންނާ އެމްބެސެޑަރ މުހައްމަދު ހުސައިން ޝަރީފް ބައްދަލުކުރައްވަނީ / ފޮޓޯ: އެމްބަސީ
"އަޅުގަނޑުމެން މިއުޅެނީ މިތާނގައި އުޅޭ ދިވެހިންނަށް ސިންގަޅަ އާއި ތަމަޅަ ދަސްކުރެވޭނެ ކޯސްތަކެއް ހިންގަން.. އެއީ މިސާލަކަށް މިތަނަށް އަލަށް އައިލާއެއް އައިސް ވަޒަންވެރިވެ، ކުދިން ސްކޫލަށް ގެންގޮސް، މަސައްކަތް ފަށާ ހިސާބުން، ގޭގެ އެގްރިމަންޓްގައި ސޮއިކޮށް، ސްކޫލަށް ކުދިން ވެއްދުމާއި މިބާވަތުގެ ކަންތައްތައް ކުރާއިރު އަސްލު ބަސް ނޭނގެންޔާ އެބަ ދަތިތަކެއް ދިމާވޭ،، ބައެއް ފަހަރު އޮޅުން އަރާ.. އެހެންވީމާ ވޯކިން ލެވަލް ސިންގަޅީސް ޓަމިލް ކޯސްތަކެއް ވަރަށް އަވަހަށް ފަށާނަން ސޯސަންވިލާގައި އަޅުގަނޑުމެން.." މުހައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.
މިކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ސްރީލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުންނަށް ހުޅުވާލާފައިވާއިރު، ކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށްވެސް އެމްބަސީން މަޢުލޫމާތުދެއެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން މީގެ ކުރިންވެސް ވަނީ ކޯސްތަކެއް ހިންގާފައެވެ. މިގޮތުން ޤިރާއަތު ލެވެލް އެކެއް ކޯހުގެ ދެ ބުރެއް ބާއްވާފައިވެއެވެ. އަދި ކީރިތި ޤުރްއާންގެ ޢިލްމް ފުޅާ ދާއިރާއެއްގައި ފެތުރުމަށާއި ކީރިތި ޤުރްއާން ހިތުދަސް ޙާފިޒުން އިތުރުކުރުމުގެ މަޤްޞަދުގައި ކީރިތި ޤުރްއާން ހިތުދަސްކޮށްދޭ ކުލާހެއްވެސް މިހާރު ދަނީ އެސެންޓަރުގައި ހިންގަމުންނެވެ. އަދި ގާރީ ކޯހަކާއި މޭކްއަޕް ކުރަން ދަސްކޮށްދޭ ކޯހެއް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.