ތިމާވެށި

ބ.ދަރަވަންދޫގައި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް


ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާ، އައި.ސީ.އެސް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން، ބ.ދަރަވަންދޫގައި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

ހުކުރު ދުވަހު ބޭއްވި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ "ދި ކްލީނިންގ ކްއެސްޓް"ގެ ނަމުގައެވެ. އައި.ސީ.އެސް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން، ބ.ދަރަވަންދޫގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި ދަރަވަންދޫގެ ދެ ޖަމްޢިއްޔާއަކާއި، އިވެންޓްގެ ސްޕޮންސަރުންވެސް ބައިވެރިވެފައިވެއެވެ. 

img:http://s1.psmnews.mv/images/660x400/15091810592547.jpg|ދަރަވަންދޫ ގޮނޑުދޮށް ސާފުކުރުމުގެ ހަަރަކާތުގައި ބައިވެރިވި ކުދިންތަކެއް

މި ހަރަކާތުގެ މަޤްސަދަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖެ ކުނިން ސަލާމާތްވެފައިވާ ތަނެއްގެގޮތުގައި ބިނާ ކުރުމުގައި އާންމުން ހޭލުންތެރިކުރުވުމެވެ. މި ހަރަކާތުގެ ތެރެއިން، ސާފުކޮށްފައިވަނީ ދަރަވަންދޫގައި އޮންނަ ދެ ތުނޑިއެކެވެ. ބައިވެރިންވަނީ ކުނިތައް އެއް ސަރަޙައްދަކަށް ޖަމާކޮށް، ގޮނޑުދޮށުން އެންމެ ގިނައިން ފެންނަ ކުނީގެ ބާވަތްތައް ފާހަގަކޮށް، އެކަމާ މަޝްވަރާކޮށްފައެވެ.

ދަރަވަންދޫއަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު، އަރާ ފައިބާ ރަށަކަށްވުމާއެކު، މިފަދަ ހަރަކާތެއް ދަރަވަންދޫގައި ބޭއްވުން ވެގެންދިޔައީ ރަށުގެ ޖަމްޢިއްޔާތަކަށްވެސް ލިބުނު އިތުރު ހިތްވަރަކަށެވެ.

އައި.ސީ.އެސް ޖަމްޢިއްޔާގެ ފަރާތުން ހައިޝް ޢުމަރު ފާހަގަކުރި ގޮތުގައި، ސްޕޮންސަރުންނާއި، ދަރަވަންދޫގެ ޖަމްޢިއްޔާތަކުން ދިން އެއްބާރުލުމާއެކު، މި ހަރަކާތް ވަރަށް ކާމިޔާބެވެ. ދަރަވަންދޫއިން އެއްކުރި ކުނީގެ ތެރެއިން، ޕްލާސްޓިކް ކުނިތައް، ފްލައި މީ އެއަރލައިންގެ އެހީގައި މާލެ ގެނެސް، ރައްކާތެރިގޮތުގައި ނައްތާލުމަށް އައި.ސީ.އެސް އިންވަނީ ނިންމާފައެވެ.