ޚަބަރު

ގޮވާތަކެތި ދެނެގަންނަ މެޝިންތަކެއް ރާއްޖެއަށް ހަދިޔާކޮށްފި


ގޮވާތަކެތި ދެނެގަތުމަށް ބޭނުންކުރާ 8 "އެކްސްޕްލޯސިވް ޓެރޭސް ޑިޓެކްޓަރ މެޝިން"، އިނގިރޭސި ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ. 

އިގިރޭސިވިލާތުން ރާއްޖެއަށް ހަދިޔާކުރި، ގޮވާތަކެތި ދެނެގަތުމަށް ބޭނުންކުރާ "އެކްސްޕްލޯސިވް ޓެރޭސް ޑިޓެކްޓަރ މެޝިން"ތައް ހަވާލުކުރީ ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސުޕަވައިޒަރުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމް ނިމުން ފާހަގަކުރުމަށް ކޯސްޓްގާޑް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައެވެ.  

އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ރާއްޖެއަށް ހަދިޔާކުރި މި އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޓަރުތަކާއި ހަވާލުވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރުއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރެއްވުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރާއްޖޭގެ ވައިގެ ބަނދަރުތަކުގެ ސަލާމަތީކަންކަން ހަރުދަނާކުރުމުގެ ގޮތުން ހަތިޔާރާއެކު ސިފައިން އެއަރޕޯޓުގައި ހަރަކާތްތެރިވަމުންދާކަމަށާއި، ދަތުރުވެރިންނާއި ފަތުރުވެރިންގެ ސަލާމަތް ކަށަވަރުކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓާއި ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ އާދަމް ޝަރީފު އުމަރު ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/15090296649437.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

"އަޅުގަނޑުމެންގެ އަމާޒަކީ، ދިވެހިރާއްޖެއިން ފުރައިގެންދާ ހުރިހާ އުޅަނދުތަކަކީ ވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅިގެން، ސްކްރީނު ކުރަންޖެހޭ ކަންތައްތައް ސްކްރީނު ކުރެވިގެން ދަތުރުކުރެވެމުންދާ އުޅަނދުތައް ކަމުގައި ހެދުން. އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގައި އެއަރޕޯޓުގައި މިމެޝިންތައް ބޭނުންކުރަން ފަށާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މި މެޝިންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޮރ ޓްރާންސްޕޯޓްގެ އޭވިއޭޝަން ސެކިއުރިޓީގެ ލިއޭޒަން އޮފިސަރ ލީ ސްމިތް ވިދާޅުވީ، ރާއްޖެއަށް ހަދިޔާކުރި ގޮވާތަކެތި ދެނެގަތުމަށް ބޭނުންކުރާ މެޝިންތަކުގެ އެހީގައި އެންމެ އާދައިގެ ގޮވާތަކެއްޗާއި އަސްކަރިއްޔާއިން ބޭނުންކުރާ ޒާތުގެ ތަކެތިވެސް ދެނެގަނެވޭނެކަމަށެވެ.

އިނގިރޭސިވިލާތުގެ ޓްރާސްޕޯޓް ޑިޕާޓްމަންޓާއި، ޑިފެންސް މިނިސްޓްރީ ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސުޕަވައިޒަރުންގެ ޤާބިލުކަން އިތުރުކުރުމަށް ހިންގި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް މިރަސްމިއްޔަތުގައި ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. ތިން ހަފްތާގެ މުއްދަތައް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސަތޭކަ މުވައްޒަފަކަށް އިނގިރޭސި ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ތަޖުރިބާކާރުން ތަމްރީނުދީފައިވާކަމަށާއި، މިތަމްރީނުތަކުގެ އަލީގައި އެއަރޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތް ހަރުދަނާކުރުމުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ފެށޭނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.