ކުޅިވަރު

ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތް ފީއަލީ ކާމިޔާބުކޮށްފި


ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތުގެ  ޗެމްޕިއަންކަން ފ.ފީއަލީ ބަށިޓީމް ހޯދައިފިއެވެ. 

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފަސްޓްލޭޑީ ބަށިބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފީއަލީ ހޯދީ ފައިނަލްގައި ކ.މާފުށި އެންމެ ލަނޑެއްގެ ތަފާތުން ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ ޓޮސް ދިމާވުމުން މާފުށި ގަސްތުކުރީ ހިފާށެވެ. ދެ ޓީމްގެ ފުރަތަމަ އިނިންގްސްއަށް ބަލާއިރު، މާފުށި އޮތީ އެއް ލަނޑުގެ ތަފާތުން ކުރީގައެވެ. މާފުށިން ފުރަތަމަ އިނިންގްސްގައި 16 ލަނޑު ހެދިއިރު، ފ.ފީއަލީ ޓީމަށް ހެދުނީ 15 ލަނޑެވެ. އެހެންނަމަވެސް ފީއަލީ ޓީމުންވަނީ ދެވަނަ އިނިންގްސްގައި މޮޅު ކުޅުމެއް ދައްކައި ފޯރިގަދަ ފައިނަލް ކާމިޔާބުކޮށްފައެވެ. މާފުށި ޓީމަށް ދެ އިނިންގްސްގައި ހެދުނީ 32 ލަނޑު 11 ބޯޅައެވެ. ފީއަލީ ޓީމުން ދެ އިނިނންގްސްގައި 33 ލަނޑު 8 ބޯޅަ ހެދިއެވެ

ފައިނަލް މެޗަށްފަހު ފ.ފީއަލީ ބަށި ޓީމްގެ ކެޕްޓަން ޝިހާމާ އަބްދުއްރަޝީދު ބުނީ މި ކާމިޔާބަކީ ކުޅުންތެރިން އެންމެ ފަހު ވަގުތާއި ހަމައަށްވެސް ކުރި މަސައްކަތްކަމަށާއި، މިއީ މުޅި ފީއަލީގެ ރައްޔިތުންނަށް ހޯދައިދިން ތައްޓެއްކަމަށެވެ.

"އަސްލު މި މުޅި ރަށުގެ ހުރިހާ އެންމެންގެ މަަސައްކަތް، ވަރަށް އުއްމީދުކޮށްގެން ހުރި ތައްޓެއް މިއީ، ރަށުގެ ހުރިހާ ރައްޔިތުންނަށް މި ތަށި ހޯދައިމިދިނީ" ޝިހާމާ ބުންޏެވެ. 

ފައިނަލުން ބަލިވި ކ.މާފުށި ޓީމްގެ ކެޕްޓަން ފަރީޝާ އަލީ ބުނީ ފައިނަލުން ބަލިވިކަމުގައިވިޔަސް މާޔޫސްކަމެއް ނެތްކަމަށާއި، މިއީ މިކަހަލަ މުބާރާތެއްގައި މާފުށި ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. 

"ފައިނަލުން ބަލިވިކަމުގައިވިޔަސް ހިތްހަމަޖެހޭ، އެއީ މިހާ ހިސާބަށް އައުމަކީވެސް މާފުއްޓަށް ބޮޑު ކާމިޔާބެއް. ހުރިހާ އެންމެން ކުރި މަސައްތަކަށް ހަމަ ޝުކުރިއްޔާ" ފަރީޝާ ބުންޏެވެ.

މުބާރާތުގެ އެންމެ ގިނަ ބޯޅަ ހިފި ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ ގިނަ ބޯޅަ ޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ލ.ގަމު ބަށި ޓީމްގެ އައިޝަތު ލުބުނާއެވެ.

މުބާރާތުގެ އެންމެ މޮޅު 9 ކުޅުންތެރިންގެ ތެރޭގައިވެސް ލުބުނާ ހިމެނެއެވެ. އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ލ.ގަމު ބަށި ޓީމްގެ ފާތިމަތު ރަޒިއްޔާ، ހާއްވާ ލިއުޝާ، ކ. މާފުށި ޓީމްގެ ފަރީޝާ އަލީ، ނ.މާފަށު ބަށިޓީމްގެ ރުހުޝާނާ އާދަމް، އަމިނަތު މުމްތާޒް، އައިޝާތު އަބްދުﷲ އަދި ފ.ފީއަލީ ބަށި ޓީމްގެ އާމިނަތު ޒަމީލާގެ އިތުރުން ޝިހާމާ އަބްދުއްރަޝީދެވެ.

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ނ.މާފަރު ބަށި ޓީމެވެ. އެންމެ މޮޅު ސަޕޯޓެއްދިން ޓީމަކަށް ހޮވުނީ މ.ވޭވަށެވެ. 

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ އިސްނެގުމާއިއެކު ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ބަށި މުބާރާތުގައި ސާޅީސް އަށް ޓީމްވަނީ ވާދަކޮށްފައެވެ.