ޚަބަރު

އަންހެން ކަނބަލުންގެ ޚާއްސަ މަހާސިންތާއެއް ފަށައިފި


ރައީސް ޔާމީން 2018 ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމަށް އަންހެން ކަނބަލުންގެ ޚާއްސަ މަހާސިންތާއެއް ފަށައިފިއެވެ.

ދަރުބާރުގޭގައި ރޭ އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި މަހާސިންތާ ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމްއެވެ. ރެއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ.

މި މަހާސިންތާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ސުނީތާ މުޙައްމަދު ވިދާޅުވީ އަންހެންކަނބަލުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި މަހާސިންތާގައި، ރާއްޖޭގެ ހުރިހާ އަތޮޅަކުން މީހުން ބައިވެރިވާނެކަމަށެވެ. މި މަހާސިންތާގައި ތިންސަތޭކައަށްވުރެ ގިނަ މެމްބަރުން ބައިވެރިވެފައިވެއެވެ.

ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކާއި ގުޅޭގޮތުން މި މި މަހާސިންތާގައި މަޝްވަރާކުރާނެ ކަމަށް މަހާސިންތާގައި އިސްކޮށް ޙަރަކާތްތެރިވާ ސުނީތާ މުޙައްމަދު ވިދާޅުވިއެވެ. ރައީސް ޔާމީން 2018 ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމަށް އަންހެން ކަނބަނލުންގެ ޚާއްސަ މަހާސިންތާއެއް މިރޭ ފެށިއިރު ޕީޕީއެމްއިން މީގެކުރިންވެސް ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ މަހާސިންތާތައް ބާއްވާފައެވެ.