ތަރައްްޤީ

ޒުވާނުންގެ ޤައުމީ އެވޯޑްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް!


ޒުވާނުންގެ ޤައުމީ އެވޯޑްގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ ހަމަޖެއްސީ އެކަމަށްޓަކާ ޓީވީއެމް ސްޓޫޑިއޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އިރުތިޝާމު އާދަމެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޚަލީލެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ، ޒުވާނުންނަކީ ރައީސް އަބުދުﷲ ޔާމީނުގެ ސަރުކާރުން ހާއްސަ އަހަމިއްޔަތުކަމެއްދޭ ބައެއްކަމަށާއި، ޒުވާނުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުން މިކަން ވަރަށް ރަނގަޅަށް އެނގިގެންދާކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އަދުގެ ސަރުކާރުން ޒުވާނުންގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއިއެކު ބައިނަލްއަޤްވާމީ މައިދާނުގައި މިއަދު ޒުވާނުން ގިނަގުނަ ކާމިޔާބީތައް ހާސިލްކުރަމުން އަންނަކަމަށެވެ. ޒުވާނުންގެ ޤައުމީ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު ވަނީ މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާގެ އެހީތެރިކަމާއިއެކު ޒުވާނުންގެ ޤައުމީ އެވޯޑްގެ ކަންކަން ކަވަރުކުރަމުންދާއިރު، މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މި އެވޯޑަށް އެންމެ އެކަށީގެންވާ ޒުވާނުން ހޮވުމުގެ ކަންކަން ކުރިއަށްގެންދާނޭކަމަށެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ، ޒުވާނުންގެ މިނިސްޓްރީން ޒުވާނުން ބާރުވެރިކުރުމަށް ކުރާ މިފަދަ މަސައްކަތްތަކުގައި ޕީއެސްއެމްއިން އަބަދުވެސް ބައިވެރިވާނޭކަމަށެވެ. ޔޫތް މިނިސްޓްރީއާ ޕީއެސްއެމްއާ ގުޅިގެން ޒުވާނުންގެ ކުރިއެރުމަށް އެކި ދާއިރާތަކުން މިހާރުވެސް އެކިއެކި މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ ޒުވާނުނާއި ފަންނުވެރިންގެ ކުރިއެރުމަށް ކުރިއަށްއޮތްތަނުގައި ޕީއެސްއެމްއާ ޔޫތް މިނިސްޓްރީ ގުޅިގެން ތަފާތު އެކިއެކި ކަންކަން ފަހިކުރަމުންގެންދާނޭކަމަށެވެ. 

މި ރަސްމިއްޔާތު ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހަންމަދު އިކްރާމް އަބުދުލް ލަތީފް ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާވަރަށް ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ޒުވާނުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. މިގޮތުން ހުޅުމާލެ ޒުވާނުންގެ ސަހަރެއްގެ ގޮތުގައި ތަރައްޤީކުރަމުންދާކަމީވެސް އަދުގެ ސަރުކާރުން ޒުވާނުންގެ މުސްތަޤްބަލަށް ވިސްނަވާކަމުގެ މިސާލެއްކަމަށް އިކްރާމް ވިދާޅުވިއެވެ. 

ޒުވާނުންގެ ޤައުމީ އެވޯޑްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާ ހަމަޖެއްސުމާއިއެކު ޕީއެސްއެމްގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ޒުވާނުންގެ އެވޯޑް ޕްރޮމޯޓްކުރުމަށްޓަކައި އެކި ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ. 

މިއަހަރުގެ ޒުވާނުންގެ އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ 11 ދާއިރާއަކުންނެވެ. ޔޫތް މިނިސްޓްރީން ވަނީ ޒުވާނުންގެ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މި އެވޯރޑަށް ކުރިމަތިލެވޭނީ 18 އަހާރާއި 35 އަހަރާ ދެމެދު އުމުރުފުރާގެ ޒުވާނުންނަށެވެ. 

ޒުވާނުންގެ ޤައުމީ އެވޯޑަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. ޒުވާނުންގެ ޤައުމީ އެވޯޑް ދިނުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރުމަހުގެ ސައްބީސް ވަނަ ދުވަހުއެވެ.