ޚަބަރު

493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށައަޅައިފި




493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

2017 ވަނައަހަށް ފާސްކޮށްފައިވާ ބަޖެޓުގެ އިތުރުން ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް ހުށައެޅުއްވި ސަޕްލިމެންޓްރީ ބަޖެޓްގެ ބޮޑުބައި ޚާއްޞަ ކޮށްފައިވަނީ ސިއްޚީ ދާއިރާއަށެވެ. އެގޮތުން އާސަންދައަށް 300 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އައި.ޖީ.އެމްއެޗްއައި ސިއްޙީ ޚިދުމަތްތަކަށް 30 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަން ބާއްވަން ޖެހޭ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް 26 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާއިރު، ފުލުހުންނަށް އިތުރު 50 މިލިއަން، އަދި އެޑީއުކޭޝަން މިނިސްޓްރީއަށް އިތުރު 47 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ރީޖަނަލް އެއަރޕޯޓްސްއަށް ބޭއްނުންވާ 40 މިލިއަން ރުފިޔާވެސް ސަޕްލިމެންޓްރީ ބަޖެޓްގައި ހިމަނާފައިވެއެވެ.

ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، މި ބެޖެޓް ހުށައަޅުއްވަނީ މިއަހަރަށް އަންދާޒާކުރިވަރަށްވުރެ އިތުރަށް ޚަރަދުވާނެކަމަށް ލަފާކުރެވޭތީކަމަށެވެ. އެގޮތުން މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގެ ޖުމްލަ ހަރަދަކީ 22.2 ބިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް 22.7 ބިލިއަން ރުފިޔާ މިއަހަރު ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަޕްލިމެންޓްރީ ބަޖެޓާއެކު މިއަހަރު ދައުލަތަށް ޢާމްދަނީ ލިބޭނެ އިތުރު ގޮތްތައްވެސް ބަޖެޓްގައި ހިމަނާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން 2017 ވަނައަހަރަށް ފާސްކޮށްފައިވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.