ޚަބަރު

"ތަރުހީބުން ދައްކައިދެނީ ރައީސްގެ ޚިދުމަތުގެ އަގުވަޒަންކުރާކަން"


އައްޑޫ ސިޓީގެ ރައްޔިތުން ދެންނެވި ހޫނު މަރުޙަބާއިން ދޭހަވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އައްޑޫ ސިޓީގެ ރައްޔިތުން ތާއީދުކުރާ މިންވަރުކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްޕުޅު އައްޑޫ ސިޓީގެ ރައްޔިތުން ޤަބޫލުކުރާ މިންވަރުކަމަށް ރައީސް ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިއަދު އެ ސިޓީން ފުރާވަޑައިގަތުމުގެ ކުރިން ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުންނަވާ ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ފާހަގަކުރެވިފައިވަނީ ރައްޔިތުންނާ ގާތުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަނބަލެއްގެ ގޮތުގައެވެ. އަދި އެކަމަނާ ކުރައްވާ މަސައްކަތްޕުޅަކީ މީގެކުރިން ރާއްޖޭގެ އެއްވެސް ފަސްޓްލޭޑީއަކު ކުރައްވާފައި ނުވާވަރުގެ މަސައްކަތްޕުޅުތަކެކެވެ. އެކަމަނާއާ ދިވެހިރައްޔިތުންނާ އޮންނަ ގާތް ގުޅުން އެކަމަނާ ރާއްޖޭގެ ރަށަކަށް ވަޑައިގަތުމާއެކު ދަންނަވާ ހޫނު މަރުޙަބާއިން އެކަނިވެސް ހާމަވެގެންދެއެވެ. އަދި އެކަމަނާ ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ޢާންމުންނާ ސަލާމްކުރައްވައި، އެމީހުންގެ ޙާލު އަހުވާލު ބައްލަވައި މީހުންގެ ވާހަކަތައް ފަރުވާތެރިކަމާއެކު އަޑުއެއްސެވުމާއި އެކަމަނާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެހީތެރިކަން ބޭނުންވެފައިވާ މީހުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން ފެނިފައިވާ ޖަޒުބާތުގެ މަންޒަރުތަކަކީ ފަސްޓްލެޑީއެއްގެ ފަރާތްޕުޅުން މީގެ ކުރިން ކުރެވިފައިވާ ތަޖުރިބާއެއް ނޫނެވެ.

img:http://s3.psmnews.mv/images/660x400/15087845498918.jpg|

އައްޑޫ ސިޓީއަށް އެކަމަނާ ވަޑައިގަތުމާއެކު އެ ސިޓީން ދެއްވި ތަރުޙީބާއި އެކަމަނާއަށް ދެންނެވި ހޫނު މަރުޙަބާއަކީ މީގެކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކުވެސް އެ ސިޓީއަށް ވަޑައިގަތުމުން ދަންނަވާފައި ނުވާވަރުގެ ހޫނު މަރުޙަބާއެކެވެ. އައްޑޫ ސިޓީގެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވިދާޅުވީ އެކަމަނާ އައްޑުއަށް ކުރެއްވި ދަތުރުފުޅުގެ ބޭނުންފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބައްލަވާލެއްވުން ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުވައި އެކަންކަން ޙައްލުކުރެއްވުމަކީވެސް އެ ދަތުފުޅުގެ ބޭނުންފުޅެއް ކަމަށް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15087845858373.jpg|

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވަނީ އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެ ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އިސްރަށްވެހިންނާ އަންހެން ކަނބަލުންނާއި ޒުވާނުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާ އެކަމަނާ ވަނީ ބައްދަލުކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/15087845658469.jpg|

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމުން، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ގެންދަވަނީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެކަމަނާ އައްޑޫގެ އެކި ރަށްތަކަށް ވަޑައިގަތުމުން އެކަމަނާގެ ހަށިކޮޅުގައި ފިރުމާ ބައްދާލައި އެކަމަނާއަށް ކުރައްވާ ތަޢުރީފްގެ ބަސްތަކަކީ މީގެކުރިން ދިވެހިން ފަސްޓްލޭޑީއަކާ ދޭތެރޭގައި ބެހެއްޓި ގާތްގޮތެއް ނޫނެވެ.

img:http://s3.psmnews.mv/images/660x400/15087845755434.jpg|

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވިދާޅުވީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫގެ ރައްޔިތުން އެކަމަނާއަށް ދެންނެވި މަރުޙަބާއިން ދޭހަވެގެން ދިޔައީ ރައީސް ޔާމީނަށް އައްޑޫ ސިޓީގައި އޮތް ތާއީދާއި ރައީސް ރައްޔިތުންނަށްޓަކައި ކޮށްދެއްވާ މަސައްކަތްޕުޅު ރައްޔިތުން ބަލައިގަންނަ މިންވަރުކަމަށެވެ.