ޚަބަރު

ކިއުބާ ސަފީރު ރައީސަށް ފަތްކޮޅު އަރުއްވައިފި


ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހުއާނާ އެލޭނާ ރާމޯސް ރޮދްރިގޭޒް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ކިއުބާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާ އެ ޤައުމުގެ ރައީސަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި، ކިއުބާއަށް ދާދި ފަހުން އައި ތޫފާނުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ކުރިމަތިވި ހިތާމައިގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ކިއުބާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އެމަނިކުފާނު ވަނީ ހަމްދަރުދީ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކިއުބާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރެއްވުމުގެ ގޮތުން، ޚާއްޞަކޮށް ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ، ޝުކުރުއަދާކުރެއްވިއެވެ. އަދި، މި ގުޅުން ތަފާތު އެކި ދާއިރާތަކުން ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާ، މި މައްސަލަތައް ހައްލުކުރެއްވުމަށްޓަކައި، ދެ ޤައުމުން ވެސް ބައިނަލްއަޤްވާމީ މަސްރަޙުގައި މަސައްކަތްކުރެއްވުމަށް ތައްޔާރަށް ތިއްބެވިކަން ފާހަގަކުރައްވާފައެވެ.

ކިއުބާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ކިއުބާއާ ދެމެދުގައިވާ ޚާރިޖީ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެ، ބައިނަލްއަޤްވާމީ މަސްރަޙުގައި، ރާއްޖޭގެ ފަރާތުން ކިއުބާއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.