ތަރައްްޤީ

އައްޑޫ ސިޓީގެ ނަރުދަމާގެ މަސައްކަތް ކަނޑައެޅި މުއްދަތައް ނިމޭނެ!


އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ ޙައްލުކުރުމުގެގޮތުން ސަރުކާރުން ފަށާފައިވާ ނަރުދަމާގެ މަޝްރޫޢުގެތެރެއިން އައްޑޫސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ޤާއިމްކުރާ ނަރުދަމާގެ މަސައްކަތް ތާވަލުކޮށްފައިވާ މުއްދަތަށް ނިމޭނެކަމަށް މިނިސްޓަރ އޮފް އެންވައިރަންމެންޓް އެންޑް އެނާރޖީ ތާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގައި ކުރިއަށްދާ ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ތާރިޤް ވިދާޅުވީ އައްޑޫސިޓީގައި ކުރިއަށްދާ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ވަރަށް ގާތުން ބަލަމުންދާކަމަށާއި، މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ.

މި މަސައްކަތް ކުރިއަށްދާ ހުރިހާ ރަށެއްގައިވެސް، މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިމޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާގެ މަސައްކަތް ކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢުގެދަށުން މި 3 ރަށުގައި 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 3387 ޓަނުގެ ސުވޭޖް ޓްރީޓްމަންޓު ޕްލާންޓެއް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީ އާއި ޙަވާލުކޮށްގެން ހިތަދޫ ގައި ކުރަމުންދާ ނަރުދަމާގެ މަސައްކަތުގެ ތެރެއިން ހިތަދޫ ދެކުނުގައި މަސައްކަތް ކުރިއަށްދާކަމަށާއި، ހިތަދޫ އުތުރުގައި ވަރަށް އަވަހަށް މަސައްކަތް ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހިތަދޫގައި ކުރިއަށްގެންދާ މަޝްރޫޢުގެދަށުން އެރަށުގެ 870 ގެއަކަށް ނަރުދަމާ ގުޅުމަށް ހަމަޖެހިފައިވެއެވެ. އައްޑޫސިޓީގައި ކުރިއަށްދާ ނަރުދަމާގެ މަޝްރޫޢަކީ ތިންސަތޭކަ ފަންސާސް ތިނެއް ޕޮއިންޓު ފަހެއް 353.5 މިލިއަން ދިވެހި ރުފިޔާގެ ޕްރޮޖެކްޓެއްކަމަށް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.