ތިމާވެށި

ވެމްކޯގެ ޚިދުމަތް ފުޅާކޮށް 10 ބުރީގެ އިމާރާތެއް އަޅަނީ


ކުނި މެނޭޖުކުރުމުގައި ގެންގުޅޭ އުޞޫލުތައް ހަރުދަނާކޮށް، މިހާރަށްވުރެ ރަނގަޅަށް ކުންޏާގުޅޭ މަސައްކަތްތައް ބެލަހައްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ 10 ބުރީގެ ޢިމާރާތެއް އެޅުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި ޢިމާރާތުގެ ޑީޓެއިލް ޑިޒައިންތައް ހަދާނެ ފަރާތެއް ހޯދުމަށް ވެމްކޯއިން ވަނީ އިޢުލާންކޮށްފައެވެ. ވެމްކޯގެ އާ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މާލޭ ހުޅަނގު ދެކުނު ފަރާތުގައި ސިނާޢީ މަސައްކަތްތަކަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައެވެ.

ވެމްކޯއިން ބުނާގޮތުގައި މި ޢިމާރާތް ފަރުމާކުރަނީ އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސް ބަޔަކާއި ވެމްކޯގެ މަސައްކަތްތަކަށް ބޭނުންވާ މެއިންޓަނަސް މަސައްކަތްތަކަށް ޚާއްޞަ ބައެއް ހިމެނޭގޮތަށެވެ. މީގެ އިތުރުން ވެމްކޯގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ވެމްކޯގައި މަސައްކަތްކުރާ މީހުންނަށް ޓްރެއިނިންގ ދިނުމަށް ޓްރެއިނިންގ ހޯލެއްވެސް މި ޢިމާރާތުގައި އެޅުމަށް ހަމަޖެހިފައިވާކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން ބުނީ މި ޢިމާރާތުގެ ސަބަބުން ކުނިއުކުމުގައި މިހާރު ވެމްކޯއިން ޢަމަލުކުރަމުން އަންނަ އުޞޫލުތައް އިތުރަށް ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރެވިގެންދާނެކަމަށެވެ.

ޢިމާރާތް ޑިޒައިންކުރުމާގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަން 26 އޮކްޓޯބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2 ނޮވެމްބަރ ގައި ބީލަން ހުށައެޅުމަށް ހުޅުވާލާނެކަމަށްވެސް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން މިހާރުވެސް ގެންދަނީ މާލެއާއި، ހުޅުމާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތް ދެމުންނެވެ.