ޚަބަރު

ރައީސްގެ އަނބިކަނބަަލުން މަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އައްޑޫ ސިޓީގެ މަރަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަބަލުންވަނީ މަރަދޫގެ ރައްޔިތުންގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެރަށުގެ އިސްރަށްވެހިންނާ ބައްދަލުކުރައްވާ އެބޭފުޅުންގެ ހާލު ބައްލަވާފައެވެ.

މީގެ އިތުރުން  އެކަމަނާ ވަނީ މަރަދޫފޭދޫގެ ރައްޔިތުންނާވެސް މިއަދު ބައްދަލުކުރައްވާފައެވެ.

މިއަދު ހެނދު މަރަދޫފޭދޫ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އެކަމަނާ ވަނީ މަރަދޫފޭދޫގައި ދިރިއުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިސްރަށްވެހިންނާއި ރަށްރަށުގެ އަންހެންކަނބަލުންނާއި ސަރުކާރު އިދާރާތަކުގެ އިސްރަށްވެހިންނާވެސް ބައްދަލުކުރައްވާފައެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅަކީ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ޙާލުއަހުވާލު ގާތުން ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. .

އެކަމަނާ އައްޑޫ ސިޓީއަށް ވަޑައިގަތުމުން ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ރޭ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްއިން އައްޑޫ ސިޓީގައި ބޭއްވި ބޮޑު ޖަލްސާގައި އެކަމަނާ ބައިވެރިވެ ވަޑައިގެންނެވިއިރު، މި ޖަލްސާގައި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.