ޚަބަރު

މަޢުލޫމާތު ކަށަވަރުނުކޮށް ޚަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފި


ހިއުމަން ރައިޓްސް ކޮމިޝަނުން ތަހްޤީޤް ކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ކަށަވަރުނުކޮށް ޚަބަރު ނުފެތުރުމަށް އެކޮމިޝަނުން އިލްތިމާސް ކުރައްވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި އެކޮމިޝަނުން ވަނީ، އިންސާނީ ޙައްޤުތަކުގެ ރޫޙު ދިވެހިރާއްޖޭގައި އާލާކުރުމާއި، އެޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މަޢުލޫމާތު ކަށަވަރުނުކޮށް ބައެއް މީޑީއާތަކުން ފަތުރަމުންދާ ވާހަކަތަކުގެ ސަބަބުން އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަހުޤީގަށް ހުރަސް އެޅެމުންދާކަމަށާ، އެހެންކަމުން މަޢުލޫމާތު ފެތުރުމުގައި އެގޮތަށް އަމަލު ނުކުރުމަށް ހިއުމަންރައިޓްސް ކޮމިޝަނުން ވަނީ އެދިފައެވެ.

އެކޮމިޝަނުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެއްވެސް މީހެއްގެ ޙައްޤެއް ގެއްލިގެން އެ ކޮމިޝަނަށް ހުށަހަޅައިފިނަމަ، ނުވަތަ އެއްވެސް މީހެއްގެ ޙައްޤެއް ގެއްލިފައިވާކަމަށް މި ކޮމިޝަނަށް ފެނިއްޖެ ނަމަ، އެކަމެއް ކޮމިޝަނުން ތަހުޤީގު ކުރަމުންގެންދާނީ ޤާނޫނުން ކޮމިޝަނަށް ލިބިދީފައިވާ ހުރިހާ ބާރުތަކާއި އިޚްތިޔާރުތަކެއް ބޭނުންކޮށްގެންކަމަށެވެ. އަދި ބަލަމުންދާ މައްސަލައެއްގެ ތަހުޤީގުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވާކަން ތަހުޤީގަށް ސާބިތުވެއްޖެނަމަ، އެފަރާތްތަކާމެދު ފިޔަވަޅު އަޅާކަމަށާއި، އެފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮމިޝަނުން ކުރަމުން ގެންދާނެކަމަށްވެސް އެކޮމިޝަނުގެ ބަޔާނުގައިވެއެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް ހިއުމަން ރައިޓްސް ކޮމިޝަންގެ ބަޔާނުގައިވެއެވެ.