ޚަބަރު

ކޮރަޕްޝަން ފޮރުވުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތްކުރި- މޫސަ


ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަށް އެންމެ ގިނަ މަސައްކަތް ކުރެއްވީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށާއި، ސަރުކާރު ތެރޭގައި ކޮރަޕްޝަންގެ ކަމެއް ފާހަގަކުރެވިގެން ފިޔަވަޅު އަޅުއްވަން ކެރިވަޑައިގަތް ލީޑަރަކީ ރައީސް ޔާމީންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އަށްޑޫސިޓީގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި ޕީޕީއެމް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މޫސަ ވަނީ ރާއްޖޭގައި ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފޮރުވުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ. މޫސާ މަނިކު ވިދާޅުވީ ރާއްޖޭގައި އިންތިޤާލީ ސަރުކާރެއް ޤާއިމުކުރުމަށް ގޮވާލުމަކީ ދެކޮޅެޖެހޭ ވާހަކަތަކެއް ނޫންކަމަށާއި، ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ކުރުމަށް އިދިކޮޅު ފަރާތްތަކުން ނޭދޭކަމަށެވެ.

މިޖަލްސާގައި ވާހަކަދައްކަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސް ޔާމީން ގެންނެވި ތަރައްޤީގެ ފޮނިމީރުކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިހާރު ލިބެމުންދާކަމަށެވެ. އަދި ސަރުކާރުން ތަރައްޤީ ގެންނަމުންދަނީ ރައްޔިތުންއެދޭ ފަދަ ތަހުޒީބު ޤައުމަކަށް ރާއްޖެ ހެދުމުގެ އަމާޒުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އައްޑޫސިޓީގެ ތަރައްޤީއަށް ސަރުކާރުން ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިޖަލްސާގައި ވާހަދައްކަވުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި މިޖަލްސާގައި އައްޑޫސިޓީގެ ގިނަޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.